ކުއްލި ޚަބަރު

ލޮކްޑައުންއަށް ލުއިދޭ ފުރަތަމަ ދެ ހަފުތާގައި މިސްކިތްތައް ހުޅުވަން އަދި ނިންމާފައެއް ނެތް: ހެލްތު މިނިސްޓަރު

ލޮކްޑައުންއަށް ލުއިދޭ ފުރަތަމަ ދެ ހަފުތާގައި މިސްކިތްތައް ހުޅުވަން އަދި ނިންމާފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުންގެ ފުރަތަމަ މަރުހަލާގައި ލުއިތައް ދޭއިރު ސްކޫލުތަކާއި، މާލޭ ސަރަހައްދުގެ މިސްކިތްތައް ނުހުޅުވާނެ ކަމަށެވެ. ނަމަވެސް ކޮލެޖު ޔުނިވާސިޓީތަކަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ހުޅުވައިލެވޭނެ ކަމުގައި ވިދާޅުވިއެވެ،

"ސްކޫލުތައް އަދިވެސް ބަންދު ކުރެވިފައި ހުންނާނީ. ލޮކްޑައުންގައި މާލޭ ސަރަހައްދުގެ މިސްކިތްތައް ވެސް ފުރަތަމަ ފިޔަވަހީގައި ބަންދުކޮށްފަ ހުންނާނީ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި، އެއްރަށުން އަނެއް ރަަށަށް ދަތުރުކުރުމާއި، ޕާކުތައްވެސް ބަންދުވާނެ ކަމުގައި އަމީން ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލަން ނުނިންމި ނަމަވެސް، ލޮކްޑައުންއާ މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ އެތެރޭގެ ހަރަކާތްތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލުމާއި، ކުޅިވަރު ކުޅުމަށް ހުޅުވާލުން ފަދަ ކަންކަން ހިމެނެއެވެ.