ކުއްލި ޚަބަރު

"ޓެކްސީތަކުގައި ޑްރައިވަރު އަދި ޕަސެންޖަރުން ތިބެންވާނީ މާސްކް އަޅައިގެން، ދޮރުތައް ހުންނަންވާނީ ހުޅުވާފައި"

ލޮކްޑައުންއަށް ލުއިތައް ދޭން ނިންމުމާއެކު ޓެކްސީތަކުގައި ޑްރައިވަރު އަދި ޕަސެންޖަރުން ތިބެންވާނީ މާސްކް އަޅައިގެން ކަމަށާއި ޓެކްސީގެ ދޮރުތައް ހުންނަންވާނީ ހުޅުވާފައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ޓެކްސީތައް ބޭނުންކުރާ ނަމަ، ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ.

"ޓެކްސީއަކީ ވަރަށް ބަންދުވެފައި، ވަރަށް ކައިރިކައިރީގައި މީހުން ތިބެވޭ ތަނަކަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ޓެކްސީއަކަށް އަރައިފިއްޔާ، މިވަނީ ކުޑަކުޑަ އިންކިއުބޭޓާއަކަށް. އެހެންވީމާ ޓެކްސީއަށް އަރާ އިރުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ. ފަސިންޖަރުންނާއި ޑްރައިވަރުން ވެސް މާސްކު އަޅުއްވަން ޖެހޭނެ. ޓެކްސީތަކުގައި ހުންނަންވާނީ ކުޑަދޮރުތައް ހުޅުވާފައި،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފަސިންޖަރުންނަށް ތިބެވޭނީ ހަމައެކަނި ފަހަތު ސީޓުގައި ކަމަށާއި ކުރިއަށްއޮތް ތަނުގައި ޑްރައިވަރުގެ ސީޓާއި ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއް ވެސް ޖަހަންޖެހޭނެ ކަމަށެވެ. އަދި ޓެކްސީއަށް އެރޭނީ ޓެކްސީ ސެންޓަރުން ނުވަތަ ޓެކްސީ ބުކް ކުރާ އެޕަކުން ބުކްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ޓެކްސީ ސެންޓަރުން ނޫނީ ޓެކްސީ ބުކް ކުރާ އެޕަކުން ބުކްކޮށްގެން ނޫނީ ޓެކްސީއަކަށް ނޭރޭނެ. މަގުމަތިން ޓެކްސީ ނަގައިގެން އެރުމަކީ މިވަގުތަށް ހުއްދަ ކަމެއް ނޫން. އަދި ހަމައެގޮތަށް ދެ ދަތުރު އެއްކޮށްލައިގެން ކުރުމަކީ ވެސް ހުއްދަ ކަމެއް ނޫން. ދެން އެބޭފުޅުން ފަސިންޖަރުންގެ ލޮގެއް ބަހައްޓަން ވާނެ." އޭނާ ވިދާޅުވިއެވެ.