ރެސްޓޯރެންޓުތަކާއި ކެފޭތަކަށް ވެސް ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުންއަށް ލުއިދޭ ފުރަތަމަ މަރުހަލާގައި ހޮޓާ ރެސްޓޯރެންޓް ތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދޭން އެޗްޕީއޭއިން ނިންމާފައިވާ ކަމަށެވެ.
"ރެސްޓޯރެންޓް ކެފޭތައް ހުޅުވޭނީ ހަމައެކަނި ޑެލިވަރީ ކުރާގޮތަށް، ދެން ވީވަރަކުން ކޭޝް ބޭނުން ނުކުރައްވައި އޮންލައިން ކޮށް ޕޭމަންޓްސް ނޫނީ ކާޑްސް ޕޭމަންޓް ބޭނުން ކުރުން، ކާޑް ޕޭމަންޓަށް ވުރެވެސް ރަނގަޅީ އޮންލައިން ޕޭމަންޓް ބޭނުންކުރުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހުއްދަ ލިބޭނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކަމަށާއި އެމިނިސްޓްރީން ބަލަން ޖެހޭ ސިއްހީ ފިޔަވަޅުތަކަށް އެ ވިޔަފާރިތަކުން އަމަލު ކުރުމުން ކަމަށެވެ. އަދި މިގޮތަށް ހުއްދަ ދިން ކަމުގައި ވިޔަސް ބަލި ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހުރިހާ ފަރާތްތަކުންވެސް އެޅުމަކީ މުހިއްމު ކަމެއްކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ހިދުމަތްތައް ދޭ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ހިދުމަތްތައް ދިނުމަށް ވެސް ޑރ. ނަޒްލާ އެދިވަޑައިގެންނެވި އެވެ.