ލޮކްޑައުންއަށް ލުއި ދިނުމާއެކު އާންމުކޮށް ހުޅުވޭ ފިހާރަތައް ފިޔަވައި އޮންލައިންކޮށް މުދާ ޑެލިވަރީކުރުމުގެ ހުއްދަވެސް ގިނަ ވިޔަފާރިތަކަކަށް ދޭން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުުނަށް ލުއި ދޭން ނިންމާފައިވާ ފުރަތަމަ ހަފުތާގައި އޮންލައިން ޑެލިވަރީއަށް ބައެއް ވިޔަފާރިތައް ހުޅުވޭނެ ކަމަށެވެ. އޭގެ ތެރޭގައި މޯބައިލް ފޯން ފިހާރަތަކާއި ކޮމްޕިއުޓާ ސާމާނު ވިއްކާ ފިހާރަތަކާއި، އިލެކްޓްރޯނިކް އެއްޗެހި ވިއްކާ ފިހާރަތަކާއި، އަންނައުނު، ފޮތި، ފައިވާން، އަދި ކުޅިވަރު ސާމާނު ވިއްކާ ފިހާރަތަކުން އޮންލައިންކޮށް ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން ބައެއް ވިޔަފާރިތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް ޑރ. ނަޒްލާވިދާޅުވި އެވެ. އެގޮތުން ސުޕަމާޓް ތަކާއި، ބޭކަރީތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކާއި، ތަރުކާރީ ވިއްކާ ފިހާރަތަކާއި، ފާމަސީތަކާއި، ދިވެހި ބޭސް ވިއްކާ ފިހާރަތަކާއި، ބުކްޝޮޕްތައް، ސްޓޭޝަނަރީ ފިހާރަ، ކުޑަ ކުދިންގެ ސާމާނު ވިއްކާ ފިހާރަ އަދި ހާޑްވެއާ އެއްޗެހި ވިއްކާ ފިހާރަތައް ހުޅުވޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިތަންތަން ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކު، އަދި މާސްކް އެޅުމާއި، ގައިދުރުކަން ބަހައްޓަން ޖެހޭ ވަރަށް ކަސްޓަމަރުން ވެއްދުމާއި ވީވަރަކުން ފައިސާގެ ނޫޓުތައް ބޭނުން ނުކޮށް އޮންލައިން ޓްރާންސެކްޝަން ނުވަތަ ކާޑް ޓްރާންސެކްޝަން ހެދުމަށް ބާރު އަޅައިގެން ކަމަށެވެ.