ކުއްލި ޚަބަރު

ލޮކްޑައުންއަށް ލުއިދޭ ފުރަތަމަ 14 ދުވަސް ތެރޭ ބޭރަށް ނުކުތުމުގެ ހުއްދަ ދޭނީ ބޮޑެތި މީހުންނަށް: ޑރ. ނަޒްލާ

ލޮކްޑައުންއަށް ލުއިދޭ ފުރަތަމަ 14 ދުވަސް ތެރޭ ބޭރަށް ނުކުތުމުގެ ހުއްދަ ދޭނީ ބޮޑެތި މީހުންނަށް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މާލެ ސަރަހައްދުގައި ވަކި ހިފެހެއްޓުންތަކަކާ އެއްކޮށް މީހުން އެއްތަނުން އަނެއް ތަނަށް ދިއުމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭން ނިންމާފައިވާއިރު، ފުރަތަމަ ދެހަފްތާގައި ފުލުހުންގެ ހުއްދައާ އެކު ކޮންމެ ގޭބިސީއަކުން 3 މީހުންނަށް ހަފްތާއަކު ދެފަހަރު، ދެގަޑިއިރަށް ބޭރަށް ދިއުމަށް ހުއްދަދޭނެ ކަމަށެވެ. އަދި އެއީ ބޮޑެތި މީހުންނަށް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ފުރަތަމަ ދެހަފްތާގައި ޕޮލިސް ޕާމިޓާއި އެއްކޮށް ގޭބިސީއަކުން 3 މީހުންނަށް، އެއީ ބޮޑެތި މީހުންނަށް ހަފްތާއަކު ދެފަހަރު، ދެގަޑިއިރަށް ބޭރަށް ދިއުމަށް ނިކުމެވޭ ގޮތަށް ޕާމިޓް ދެވޭނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހެނދުނު 5:00 އާއި 8:00 އާ ދެމެދު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕާމިޓާއި އެކު ބޭރަށް ނިކުމެވޭނެ ކަމަށެވެ.

މިހާލަތުގައި ޕާމިޓް ދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމުގެ ބޭނުމަކީ އެއްފަހަރާ މަގުމައްޗަށް ގިނަ މީހުން އެއްވެ އުޅުން މަދު ކޮށް ހިފެހެއްޓުމެއްގެ ތެރޭގައި ބޭއްވުމަށް ކަމަށާއި އެހެން ނޫނީ އެއްގަޑިއެއްގައި އެންމެން ނިކުމެއްޖެނަމަ ހާސިލްކުރަން ބޭނުންވާ މަގްސަދު ހާސިލް ކުރުމަށް ދަތިވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.