ކުއްލި ޚަބަރު

"ލޮކްޑައުން ލުއީގައި ފަތިހު 5:00 އިން ހެނދުނު 8:00 އަށް 65 އަހަރުން މަތީގެ މީހުންނަށް ބޭރަށް ނުކުމެވޭނެ"

ލޮކްޑައުން ލުއީގައި ފަތިހު 5:00 އިން 8:00 އާ ދެމެދު 65 އަހަރުން މަތީގެ މީހުންނަށް ބޭރަށް ނުކުމެވޭނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ލުއިތައް ދެވޭނީ ވަކި ހިފެހެއްޓުންތަކަކާއެކު ކަމަށާއި އެގޮތުން ފުރަތަމަ ދެ ހަފުތާގައި ޕޮލިސް ޕާމިޓާ އެއްކޮށް ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެ ފަހަރު ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ ގޮތަށް ހުއްދަ ދޫކުރާނެ ކަމަށެވެ. އަދި ހުއްދަ ހޯދައިގެން ބޭރަށް ނުކުމެވޭނީ ބޮޑެތި މީހުންނަށްކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ފަތިހު 5:00 އާއި 8:00 އާ ދެމެދު އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޕާމިޓާ އެއްކޮށް ބޭރަށް ނުކުމެވޭނެ. އަޅުގަނޑު ފާހަގަކޮށްލަން މި ހާލަތުގައި ޕާމިޓް ދިނުމުގެ ބޭނުމަކީ އެއްފަހަރާ މަގުމައްޗަށް ނުކުމެ، ބޭރަށް ނުކުންނަ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ހިފެހެއްޓުމެއްގެ ތެރޭގައި ބޭއްވުން. އެހެންނޫނީ އެއް ގަޑިއެއްގައި އެއްފަހަރާ މާގިނަ މީހުން ނުކުމެއްޖެއްޔާ އަޅުގަނޑުމެންނަށް މި ހާސިލުކުރަން ބޭނުންވާ އޮބްޖެކްޓިވް ހާސިލުކުރުމަށް ދަތިވާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ހުއްދައާއެކު އާއިލާ އާއި ރައްޓެހިން އެއްވުމާއި، އެމީހެއްގެ ގެ ފިޔަވައި އެހެން ގެޔަކަށް ޒިޔާރަތްކުރުމަކީ ހުއްދަ ލިބޭ ކަމެއް ނޫން ކަމަށާއި ފުރަތަމަ ދެ ހަފުތާގައި ގޭބިސީއަކަށް ތިން ހުއްދަ އަދި ދެން އޮތް ދެ ހަފުތާގައި ގޭބިސީއަކަށް ފަސް ހުއްދަ ލިބޭނެ ކަމަށެވެ. އަދި ފަހު ދެ ހަފުތާގައި ކުޑަކުދިންނަށް ހުއްދައާއެކު ފަތިހު 5:00 އާއި 8:00 އާ ދެމެދުގައި އެ ދެ ހަފުތާގައި ބޭރަށް ނުކުމެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.