އިބްރާހިމް ޒަކީ
ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައިގައި، އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ލަފައެއް މަޖިލީހުން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ކައުންސެލަރުންގެ ދައުރު އިތުރު ކުރުމުގެ މައްސަލައިގައި، މަޖިލިސް މެންބަރުން އިއްތިފާގު ނުވާކަމަށް ވިދާޅުވެ މެންބަރު ޣަފޫރު ހުށަހަޅުއްވި މި ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ނަަމަވެސް އެކަމަށް ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދެން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.
ޣަފޫރު މި ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާއާ ހަވާލާދެއްވައި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށެވެ.
ޣަފޫރުގެ ގަރާރުގައި ބުނެފައިވަނީ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބު ބާއްވައި، އެ މެންބަރުުން އިންތިހާބުވެ މަގާމާ ހަވާލުވުމާއި ހަމަޔަށް ކުރިމަަތިވާ ގާނޫނީ ހުސްކަން ފޫބެއްދުމަށް އޮތް ހަމައެކަނި ގާނޫނީ ހަމަޔަކީ ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު އިންތިހާބުކޮށްފައި ތިބި ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުންނާއި، ސިޓީ ކައުންސިލަރުންގެ މުއްދަތު އިތުރުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުުންނަށް އިއްތިފާގު ނުވެވޭ ކަމަށެވެ.
އެހެންކަމުން އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ، އެ އިންތިހާބު ބޭއްވުމާ ހަމަޔަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމަޔަކީ ކޮބަައިކަމާއި، ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ގާނޫނީ މައްސަލަޔަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދުމަށް ގަރާރު ވަނީ ހުށަހަޅައިފައެވެ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތް ގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާމެދު ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.