ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު 10 މީހުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 242 އަށް އަރައިފި

ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު 10 މީހުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 242 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިހާތަނަށް އިތުރު ދިހަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

"ރޭގެ ޕްރެސްއިން ފެށިގެން މިހާތަނަށް ދިހަ މީހަކު އިތުރަށް ވަނީ ފަރުވާ ފުރިހަމަކޮށް ރިކަވާ ވެފައި. ރޭގެ ޕްރެސްއިން ފެށިގެން މިހާތަނަށް އިތުރު 43 ޕޮޒިޓިވް ކޭސް ވަނީ ފެނިފައި،" އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 124 މީހުން އަދި ކަރަންޓީނު ފެސިލިޓީތަކުގައި 1781 މީހުން އެބަތިބި ކަމަށާއި އިއްޔެ 40 މީހަކު ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލެވުނު ކަމަށެވެ. އަދި ފެސިލިޓީތަކުން ދޫކޮށްލުމަށް އިއްޔެ 188 ސާމްޕަލް ނެގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1481 އަށް އަރައިފައެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.