މިހާރެކޭ އެއްގޮތަށް ފަރުވާތެރިވެގެން އުޅެފި ނަމަ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބަލި ފެތުރިގެންނެއް ނުދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 މާލެ އިން ފެނުމާއެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު މާދަމާ އިން ފެށިގެން ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއްދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ލުއިތައް ދޭން ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަށެވެ.
ސަރުކާރުން ދޭން ނިންމާފައިވާ ލުއިތަކާގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފު ވިދާޅުވީ، ލޮކްޑައުންއަށް ލުއިތައްދޭއިރު އެކަމަށް ވަރަށް ބޮޑެތި ތައްޔާރީރުވެފައިވާ ކަމަށެވެ. އެގޮތުން އަލުން ކޭސްތައް އިތުރުވެއްޖެނަމަ ފަރުވާދެވޭނެ ގާބިލުކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ދެ ހަފްތާއަށް ފުރަބަންދަށް ލުއިދޭން ނިންމި ނަމަވެސް ބަލި ފެތުރުން އިތުރުވާނަމަ އަލުން ފުރަބަންދަށް ދާން ޖެހިދާނެކަމުގެ އިންޒާރު ޑޮކްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިކަމުގައި ކާމިޔާބީއަކަށް ދެވޭނީ އާންމު ރައްޔިތުން އެއްބާރުލުންދީގެން ކަމަށެވެ.
"މިސާލަކަށް އެންމެން މަގުމައްޗަށް ނުކުމެ އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅަންޔާ ސިއްހީ ނިޒާމު އެއްކޮށް ހަލާކުވާ ވަރަށް ކޭސްތައް ޕޮޒިޓިވް ވެދާނެ،" ޑރ. އަލީ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވީ، ސިއްހީ އިދާރާތަކާއި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ކިޔަމަންވެ، އަމަލުކުރާނަމަ ހާލަތު އަތުން ނައްޓާލައިގެން ނުދާނެ ކަމުގެ ކަށަވަރުކަން އެބައޮތް ކަމަށެވެ. އަދި އެކަން ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފެނިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރު އިއުލާންކުރެވިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ތިބެވޭކަމަށްވާނަމަ ސިސްޓަމަށް ނުކަތާ ހިސާބަކަށް އަރައިގެންނެއް ނުދާނެ. މިއަށް އެންމެން އަމަލުކޮށްފިކަމަށްވާނަމަ އެ ހިސާބަކަށް ނުދާނެ. އެކަން ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި މިވަނީ ވަރަށް ރަނގަޅަށް ކަށަވަރުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.