މީހުން ބަލައި ނުލައި އުޅެފި ނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 މާލެ އިން ފެނުމާއެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު މާދަމާ އިން ފެށިގެން ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއްދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ލުއިތައް ދޭން ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަށެވެ.
ސަރުކާރުން ދޭން ނިންމާފައިވާ ލުއިތަކާގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފު ވިދާޅުވީ، ލޮކްޑައުންއަށް ލުއިތައްދޭއިރު އެކަމަށް ވަރަށް ބޮޑެތި ތައްޔާރީރުވެފައިވާ ކަމަށެވެ. އެގޮތުން އަލުން ކޭސްތައް އިތުރުވެއްޖެނަމަ ވެސް ފަރުވާދެވޭނެ ގާބިލުކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ދެ ހަފްތާއަށް ފުރަބަންދަށް ލުއިދޭން ނިންމި ނަމަވެސް ބަލި ފެތުރުން އިތުރުވާނަމަ އަލުން ފުރަބަންދަށް ދާން ޖެހިދާނެކަމުގެ އިންޒާރު ޑޮކްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިކަމުގައި ކާމިޔާބީއަކަށް ދެވޭނީ އާންމު ރައްޔިތުން އެއްބާރުލުންދީގެން ކަމަށެވެ.
"މިސާލަކަށް އެންމެން މަގުމައްޗަށް ނުކުމެ އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅަންޔާ ސިއްހީ ނިޒާމު އެއްކޮށް ހަލާކުވާ ވަރަށް ކޭސްތައް ޕޮޒިޓިވް ވެދާނެ،" ޑރ. އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑް 19 އަކީ ވަރަށް ބާރަށް ފެތުރޭ ބައްޔަކަށްވާއިރު އެއްވެސް އަލާމާތެއް ނެތް މީހެއްގެ ފަރާތުންވެސް އެހެން މީހަކަށް ބަލި ޖެހިދާނެ ކަމަށެވެ. އެހެންކަމުން މަގުމަތިން ދިމާ މީހަކީ ބަލި ހުރި މީހެއްކަން ނޭނގޭތީވެ، ގައިދުކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅު ގަވާއިދުން ނާޅާނަމަ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.