ލޮކްޑައުންއަށް ލުއިދޭ އިރު ބޭރަށް ނުކުންނަ ކޮންމެ މީހަކަށްވެސް ރިސްކު އޮންނާނެ ކަމަށާއި ބަލި ފެތުރޭ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ލޮކްޑައުންނަށް ލުއިތައް ދޭ ފުރަތަމަ މަރުހަލާގައި އިންފެކްޝަން އުޅޭ މިންވަރު އިތުރުވާނެ ކަމަށާއި، ނަމަވެސް ބަލި ޖެހޭ މީހުން މާބޮޑަށް އިތުރުވެގެން ނުގޮސްފި ނަމަ ފަރުވާދެވޭ ވަރަށް ކެޕޭސިޓީ އެބަހުރި ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ، މާލޭގައި އިޖުތިމާއީ ގައިދުރުކަން ގާއިމް ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެހެންކަމުން ފުރަތަމަ މަރުހަލާގައި ހުޅުވާލާއިރު ބޭރަށް ނުކުންނަ ކޮންމެ މީހަކަށްވެސް ރިސްކް އެބައޮތް ކަމަށެވެ.
"ހުޅުވާއިރު ކޮންމެ ބޭފުޅަކަށްވެސް ރިސްކް އެބައޮތޭ. އެހެންކަމުން އާންމު ބޭފުޅުންވެސް ނުކުންނަވާއިރު ދޭ އިރުޝާދުތަކާ އެއްގޮތަށް ކަންތައްތައް ކުރެއްވީމަ ތަންކޮޅެއް ކޮންޓްރޯލްގައި ދާނެ." ޑރ. ޝީނާ ވިދާޅުވިއެވެ
ޑރ. ޝީނާ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރޭ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަރަށް ގާތުން ބަލާނެ ކަމަށާއި، މާ ބޮޑަށް ބަލި ޖެހޭ މީހުން އިތުރުވަނީ ނަމަ އަލުން ފުލް ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށެވެ.