ކުއްލި ޚަބަރު

އަސާސީ ހިދުމަތްތައް ދޭން ސަރުކާރު އޮފީސްތައް ހުޅުވޭނެ، އެކަމަކު އާންމުންނަށް ހުޅުވައެއް ނުލާނެ: މިނިސްޓަރު އަމީން

އަސާސީ ހިދުމަތްތައް ދޭން ސަރުކާރު އޮފީސްތައް ހުޅުވޭނެ، އެކަމަކު އާންމުންނަށް ސަރުކާރު އޮފީސްތައް ހުޅުވައެއް ނުލާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުގެ ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތަކާއެކު އަސާސީ ހިދުމަތްތައް ދޭން ސަރުކާރުގެ އޮފީސްތައް ހުޅުވާލާނެ ކަމަށާއި ނަމަވެސް ފުރަތަމަ މަރުހަލާގައި އާންމުންނަށް ހުޅުވައިނުލާނެ ކަމަށެވެ.

"ސަރުކާރު އޮފީސްތައް ފުރަތަމަ ފިޔަވަހީގައި އާންމު ހިދުމަތަށް ހުޅުވާލާ ގޮތަކަށް ނޫން މިއޮތީ. އެހެންނަމަވެސް ސަރުކާރުގެ އޮފީސްތަކުގައި މިހާރުވެސް ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހުއްދަ ދެވޭނެ އުސޫލުގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީހަށް ގޮސް ބައެއް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެއީ ސަރުކާރުގެ ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތަކާއެކު" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އަމިއްލަ އޮފީސްތައް ފުރަތަމަ މަރުހަލާގައި ހުޅުވާލެވޭނެ ކަމަށާއި، އެކަމަށް ހާއްސަ އުސޫލުތައް މިހާރު ހެދިފައިވާ ކަމަށެވެ.

މާދަމާ އިން ފެށިގެން ސުޕާ މާކެޓުތަކާއި، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކުގެ އިތުރުން ހާޑްވެއާ ފިހާރަތައް ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މޯބައިލް ފޯނު ފިހާރަތަކާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ވިއްކާ ފިހާރަ، ކޮސްމެޓިކްސް ވިއްކާ ފިހާރަ އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވަރީގެ ހިދުމަތް ދިނުމުގެ ފުރުސަތު ވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މާދަމާ އިން ފެށިގެން މަސް މާރުކޭޓު ވެސް ހުޅުވޭނެ ކަމަށާއި، ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި ބޭންކުގެ ހިދުމަތް ތިން ދުވަހު ދެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި ކެފޭ ރެސްޓޯރެންޓުތަކުން ޑެލިވަރީ ކުރުމުގެ ހިދުމަތް އޮންނާނެ ކަމަށާއި ޓެކްސީ އަދި ޕިކަޕުގެ ހިދުމަތް ދިނުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.