ލުއިދޭ ފުރަތަމަ މަރުހަލާގައި ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެގަޑިއިރު ދެފަހަރު ބޭރަށް ނުކުމެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުންއަށް ލުއިތައް ދޭ ފުރަތަމަ މަރުހަލާގައި ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެ ގަޑިއިރު ދެފަހަރު ބޭރަށް ނުކުމެވޭނެ ކަމަށެވެ.
"ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން މި ހުއްދަ ދެނީ ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ކޮންމެ ހަފްތާއަކުވެސް ދެ ގަޑިއިރު ދެ ފަހަރަށް ބޭރަށް ނުކުތުމުގެ ހުއްދަ. އެބޭފުޅުން ދާން ޖެހޭ ތަންތަނަށް ދިއުމަށް" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ކޮންމެ ގެޔަކުން ތިން މީހުންނަށް ބޭރަށް ދިއުމަށް ހުއްދަ ދިން ނަމަވެސް އޭގެ މާނައަކީ އެންމެން އެކުގައި ބޭރަށް ދާށެކޭ ނޫން ކަމަށާއި، ބޭރަށް ދާ މީހުން ވީހާވެސް މަދުކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ، ދެ ވަނަ މަރުހަލާގައި ކޮންމެ ގޭބިސީއަކުން ފަސް މީހުންނަށް ބޭރަށް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.
މި ހުއްދަތައް ދިނުމުގައި މާލޭ ސިޓީ ކައުންސިލާއި، އިނޮނޮމިކް މިނިސްޓްރީއާގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތަކުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.