ކުއްލި ޚަބަރު

ލޮކްޑައުންގެ ފުރަތަމަ ފޭހުން ދެވަނަ ފޭހަށް ދެވޭނީ ބަލި މީހުން އާދަޔާ ހިލާފަށް ގިނަ ނުވެއްޖެނަމަ، ބަލައިގެން އުޅުން މުހިންމު

ލޮކްޑައުންގެ ފުރަތަމަ ފޭހުން ދެވަނަ ފޭހަށް ދެވޭނީ ބަލި މީހުން އާދަޔާ ހިލާފަށް ގިނަ ނުވެއްޖެނަމަ، ބަލައިގެން އުޅުން މުހިންމު ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، ލޮކްޑައުންގެ ފުރަތަމަ ފޭހުގައި ދޭ ލުއިތަކަކީ ދެ ހަފްތާއަށް ދޭ ލުއިތަކެއް ކަމަށާއި، އިތުރު ފޭހަކަށް ދެވޭނީ އެ ދެހަފްތާގެ ނަތީޖާއަށް ބަލައިފައި ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އެއްގޮތަކަށްވެސް ނޭނގެ މިހާ ދުވަހު ބަންދުވެފައި ތިބުމަށް ފަހު ކުޑަ ލުޔެއް ދިނުމުން މަގުތަކަށް މީހުން ޖަމާވާނީ ކިހާވަރަކަށް ކަމެއް، ނޫނީ ކިހިނެއްކަމެއް މީހުންގެ އަމަލުތައް ގެންގުޅޭނީ. މިހާރު މި ދެވޭ ލުއިތައް މިދެވެނީ ދެ ހަފްތާއަށް. އެ ދެހަފްތާއަށް ބަލައި އަޅުގަނޑުމެން އިތުރު ލުއިތައް ދިނުމަށް ނުވަތަ ނުދިނުމަށް މި ނިންމަނީ، އެހެންކަމުން ލޮކްޑައުންގެ ފުރަތަމަ ފޭހުން ދެވަނަ ފޭހަށް ދެވޭނީ ބަލި މީހުން އާދަޔާ ހިލާފަށް ގިނަ ނުވެއްޖެނަމަ." ޑރ. ލަތީފް ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ، ލޮކްޑައުންއާއެކު ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އެގޮތުން ބަލި ޖެހޭ މީހުންގެ ކޮންޓެކްޓުން ވަރަށް ބޮޑުތަން މަދުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ލޮކްޑައުނަށް ލުޔެއް ދިނަސް އެއީ ބަލި ނެތްކަމަށް ނިންމަންވީ ނޫންކަމަށާއި، ކޮވިޑާއެކު ގިނަ ދުވަސްތަކަކު އުޅެން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ލޮކްޑައުނުން ލުއިދޭއިރުވެސް ބަލައިގެން އުޅުމަށް ޑރ. ލަތީފް ވަނީ އިލްތިމާސްކުރައްވައިފައެވެ. އެގޮތުން މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.