ލޮކްޑައުންއަށް ދޭ ލުއިތަކުގެ ދަށުން އޮފީސްތައް ހުޅުވިޔަސް ދުރުދުރުގައި ތިބެވެން ޖެހޭނެ ކަމަށާއި މާސްކްވެސް އަޅަން ޖެހޭނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ލޮކްޑައުންއަށް ލުއިތަކެއް ދިނުމަކީ ކޮވިޑުގެ ނުރައްކާ ފިލައިގެން ދިޔައީ ނޫން ކަމަށެވެ. އަދި ފެންނަ ފެނުމަށް ކޮވިޑާއެކު ގިނަ ދުވަސްތަކަކު އުޅެން ޖެހޭނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ، ބައެއް އޮފީސްތައް ފުރަތަމަ މަރުހަލާގައި ހުޅުވާލިނަމަވެސް އިޖުތިމާއީ ގައިދުރުކަން އޮފީހުގެ ތެރޭގައިވެސް ބަހައްޓަން ޖެހޭނެ ކަމަށާއި، މުވައްޒަފުން ތިބެން ޖެހޭނީ މާސްކްވެސް އަޅައިގެން ކަމަށެވެ. އަދި ހާއްސަކޮށް ބަންދުވެފައި ހުންނަ ތަންތަނަށް ވަންނައިރު މާސްކް އަޅަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ.
"މާސްކް އެޅުމުގެ ކަންކަން މިއޮންނަނީ މާސްކް އަޅައިގެން އުޅުމަށް. މިސާލަކަށް އެއާޕޯޓް ކަހަލަ ކަންކަން ބަންދުވެފައި ހުންނަ ތަންތަނަށް ވަންނަވައިއިރު މާސްކް އަޅަން ޖެހޭނެ" ޑރ.ލަތީފް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް އާންމު ހިދުމަތަށް ހުޅުވައި ނުލާނެ ކަމަށާއި، ނަމަވެސް ސަރުކާރުގެ އަސާސީ ބޭނުންތަކަށް އޮފީސްތައް ހުޅުވޭނެ ކަމަށެވެ. އަދި އަމިއްލަ އޮފީސްތަކުން އަމަލުކުރަން ޖެހޭނެ ގައިޑްލައިން މިހާރު އެކުލަވާލައިފައިވާނެ ކަމަށާއި އެ އުސޫލުތަކާ އެއްގޮތަށް އެ އޮފީސްތައް ހުޅުވުމުގެ ހުއްދަ ވެސް ދެވޭނެ ކަމަށެވެ.