ކުއްލި ޚަބަރު

ޓެސްޓް ހެދޭ ގާބިލުކަން މިހާރު ވަނީ 600 އަށް އިތުރުވެފައި: ޑރ. އަލީ ލަތީފު

ކޮވިޑަށް ޓެސްޓް ހެދޭ ގާބިލުކަން މިހާރު ވަނީ 600 އަށް އިތުރުވެފައި ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން ޓެސްޓު ކުރަން ސާމްޕަލް ފޮނުވަން ޖެހުނީ އިންޑިއާއަށް ކަމަށެވެ. އަދި ފަހުން އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމު ގާއިމު ކުރެވުނުކަން ޑރ. އަލީ ލަތީފު ފާހަގަ ކުރެއްވިއެވެ،

އެގޮތުން އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމު ގާއިމްކޮށް އެ މަސައްކަތް ފެށި އިރު ދުވާލަކަށް ކުރެވެނީ 200 ޓެސްޓު ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 600 ޓެސްޓު ހެދޭ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން ވަރަށް އަވަހަށް އޭޑީކޭގައިވެސް ކޮވިޑް 19 އަށް ޓެސްޓު ކުރަން ފަށާނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ. މިކަހަލަ ކަންކަން ފުރިހަމަވެފައި ހުރުމީ ލޮކްޑައުނަށް ލުއި ދޭއިރު މުހިއްމު ކަމެއް ކަމަށް ޑރ. އަލީ ލަތީފު ފާހަގަ ކުރެއްވިއެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް 19ގެ ކޭސްތައް ފެންނަން ފެށި އިރު އެ ކޭސްތަކުގެ ކޮންޓެކްޓު ބަބުލް ފުދޭވަރަކަށް ބޮޑު ކަމަށެވެ. އެގޮތުން ޖުމްލަ ކޮށް ބިދޭސީންނަށް ބަލާއިރު، އެވަރެޖް ކޮށް ފުރަތަމަ ކޮޅު ގާތްގަނޑަކަށް 45 މީހުންނާއި ބައްދަލުވެފައި ހުންނަ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިންނަށް ބަލާއިރު ގާތްގަނޑަކަށް 33 މީހުންނާއި ބައްދަލުވެފައި ހުންނަ ކަމަށާއި ލޮކްޑައުންގެ ސަބަބުންނާއި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ ކޮންޓެކްޓުން 33 އިން 6 މީހުންނަށް ކުޑަ ކުރެވިފައިވާކަންވެސް ޑރ. އަލީ ލަތީފު ފާހަގަ ކުރެއްވިއެވެ.