ކޮވިޑް އަޅުގަނޑުމެންގެ ތެރޭގައި ގިނަދުވަސްތަކެއް ވަންދެން އުޅޭނެ ކަމަށާއި އަޅުގަނޑުމެން ޖެހޭނީ ބައްޔާއެކު އުޅެން ދަސްކުރަން ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖޭގައި ފުދޭ ވަރަކަށް ރަނގަޅަށް ކޮވިޑް 19 ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެވިފައިވަނީ އޮފީސްތައް ބަންދުކުރުން، ސްކޫލުތައް ބަންދު ކުރުން އަދި މާލެއިން ބޭރަށް ދަތުރު ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތަކެއް އެޅިގެން ކަމަށް ވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ޑރ.އަލީ ލަތީފު ވިދާޅުވީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިފަދަ ފިޔަވަޅުތަކަކީ ބަލީގެ ސަބަބުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށާއި ނަމަވެސް ދިގު މުއްދަތަކަށް މިފަދަ ފިޔަވަޅުތައް އަޅައިގެން ތިބުމަކީ ދަތި ކަމެއްކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައުން ވީ އެތައް ބަޔަކަށް އެކިވަރުގެ އުނދަގޫތަކާއި ކުރިމަތި ކުރުވި ކަމެއްކަން ފާހަގަކުރައްވައި ޑރ. އަލީ ލަތީފު ވިދާޅުވީ ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ގެނެވޭތޯ ބެލީ އެ އުނދަގޫތަކަށް ވެސް ލުޔެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި ލޮކްޑައުންއަށް ލުއި ތަކެއް މި ގެނެވެނީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.
ޑރ.އަލީ ލަތީފު ވިދާޅުވީ ލޮކްޑައުނަށް ލުއި ތަކެއް ގެނައި ނަމަވެސް މި ބަލި އަޅުގަނޑުމެންގެ ތެރޭ ނޫޅޭނެ ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އަދި މި ބަލި އަހަރެމެން ތެރޭ އުޅޭ ކަމާއި ގިނަދުވަސްތަކެއް ވަންދެން އަހަރެމެންތެރޭ މި ބަލި އުޅޭނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށާއި ދެން ކުރެވޭނެ ކަމަކީ މި ބައްޔާއެކު އުޅެން ދަސްކުރުން ކަމަށްވެސް ވިދާޅުވިއެވެ.