ކުއްލި ޚަބަރު

ލޮކްޑައުންއަށް ފުރަތަމަ ދޭ ލުއީގައި ރަށްރަށަށް ދަތުރުކޮށެއް ނޫޅެވޭނެ: މިނިސްޓަރު އަމީން

ލޮކްޑައުންއަށް ފުރަތަމަ ދޭ ލުއީގައި ރަށްރަށަށް ދަތުރުކޮށެއް ނޫޅެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ދޭއިރު މިހާރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ދެމިގެން ދާނެ ކަމަށެވެ.

ރާއްޖެ ލޮކްޑައުންގެ ހާލަތަށް ދިއުމަށްފަހު ސަރުކާރުން ވަނީ ކަމާ ބެހޭ އިދާރާ ތަކުގެ ހުއްދަ ނެތި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ. އެގޮތުން ލޮކްޑައުނަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައިވެސް އަމަލު ކުރާނީ މި އުސޫލުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ހާލަތުގައިވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުން ރަށްރަށުގެ ކައުންލިސްތަކާއި ކޮވިޑް ޓާސްކު ފޯސްތަކުން ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި މާލެއަށް އަންނަ މީހުން ނުވަތަ މާލެއިން އެހެން ރަށްރަށަށް ދަތުރު ކުރާ މީހުން ފުލުހުން ނުވަތަ އެޗްޕީއޭ މެދުވެރިކޮށް ހުއްދަ ނަގަން ޖެހޭނެއެވެ.