ލޮކްޑައުންއަށް ލުއިތަކެއް ދިނަސް މިކަން ދެމިއޮންނާނީ ރައްޔިތުންގެ އަމަލުތައް ހުންނަގޮތެއްގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުނަށް ލުއިތަކެއް ދިނުމުގެ މާނައަކީ އިހުގައި އޮތް ހާލަތަށް ރުޖޫއަވުން ނޫން ކަމަށެވެ.
ލޮކްޑައުނަށް ލުއިތަކެއް ދޭން ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑް 19 ނެތުމުން ނުވަތަ ނުރައްކަލުން އެއްކޮށް މިންޖުވުމުން ނޫން ކަމަށާއި މި ބަލީގެ ކަންކަމުގައި އަދިވެސް އަމަލު ކުރަން ޖެހޭނީ ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން ވަނީ ނަމޫނާ ދައްކާފައި ކަމަށެވެ. މިހާ އަވަހަށް ރާއްޖޭގައި ކޮވިޑް ކޮންޓްރޯލު މި ކުރެވުނީވެސް ސަރުކާރުން ދިން ލަފަޔާއި އިރުޝާދަށް ރައްޔިތުން ފުރިހަމަޔަށް ބޯލަނބައި އެއްބާރުލުން ދިނުމުންކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމުގައި ރާއްޖޭން ހޯދަމުން އަންނަ ކާމިޔާބަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތައުރީފުކުރާ ކަމަށެވެ.
ހަމަ މިއާއި އެކު، ލޮކްޑައުންއަށް ލުއި ދޭން ތިން ފޭހަކަށް ބަހާލާފައިވާ އިރު، ފުރަތަމަ ފޭހުގައި ދެ ސްޓޭޖެއް ހިމަނާފައިވާ ކަމަށާއި މިއީން ކޮންމެ ފޭހަކުން ވެސް އަނެއް ފޭސްއަށް ދެވޭނީ ވަކި މިންވަރަކަށް ބަލި ކޮންޓްރޯލު ކުރެވިގެން ތިބެގެން ކަމަށާއި އެހެން ނޫނީ އަލުން އަނބުރާ ފުލް ލޮކްޑައުނަކަށް ދާންވެސް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ.