ކުއްލި ޚަބަރު

ޕާކުތަކާއި ބީޗުތައް އަދި ކެފޭ ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ކުރިޔަށް އޮތް ދެހަފުތާގައެއް ނުލިބޭނެ: އަމީން

ޕާކުތަކާއި ބީޗުތައް އަދި ކެފޭ ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ކުރިޔަށް އޮތް ދެހަފުތާގައެއް ނުލިބޭނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ހުއްދަ ނުދޭނެ ކަންތައްތައްވެސް ނޫސްވެރިންނާ ހިއްސާކުރައްވައިފައެވެ.

އެގޮތުން މި ފިޔަވަހީގައި ސްކޫލުތައް ނުހުޅުވާނެ ކަމަށާއި މިހާރު ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ދެމިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޕާކުތަކާއި ބީޗު ފަދަ ތަންތަން ފުރަތަމަ ހަފުތާގައި ނުހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަނަށް ގޮސްގެން ހިދުމަތް ދިނުމަށް ހުޅުވައި ނުލާނެ ކަމަށާއި ނަމަވެސް މި ފިޔަވަހީގައި ކެފޭ ރެސްޓޯރަންޓުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި، ދެހަފްތާތެރޭ ޓޭކް އަވޭއަށް ވެސް ހުއްދަ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ޖިމްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި މި މުއްދަތުގައި ރިސޯޓު، ގެސްޓްހައުސް އަދި އެއާޕޯޓުވެސް ބަންދު ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ކުޅިވަރު ކުޅޭ ތަންތަނާއި ރެކްރިއޭޝަން ހަރަކާތްތައްވެސް ހުޅުވައި ނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފިޔަވަހީގައި މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޮޓޭޝަން ހިދުމަތްތައް ނުހުޅުވުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާނައަކީ މި ފިޔަވަހީގައި ބަސް އަދި ފެރީގެ ހިދުމަތްތައް ނުހުޅުވުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މާލޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފައެވެ.