ލޮކްޑައުނަށް ދޭ ލުއިތަކުގެ ދަށުން އަމިއްލަ އޮފީސްތައް ވެސް ވަކި އުސޫލެއްގެ ދަށުން ހުޅުވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 މާލެ އިން ފެނުމާއެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އެއާއެކު ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ގިނަ އޮފީސްތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ގައުމާ މުހާތަބު ކުރައްވާ މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
އެކަމުގެ ތަފްސީލުތައް ދެއްވުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހި ދިގު ދެމިގެންދާނީ ދެ ހަފްތާއަށް ކަމަށެވެ. އަދި އެއަށްފަހު ހާލަތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ބަލައި، ކުރިއަށް އޮތް ފިޔަވަހިތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ދެ ހަފްތާގައި އާންމު ހިދުމަތަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާނެއެވެ. ނަމަވެސް ހުއްދަ ދެވޭ ބައެއް މުވައްޒަފުންނަށް އޮފީހަށް ގޮސްގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަކަށް އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކު އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ވެސް ހުޅުވައި ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހާއްސަ ހުއްދައަކާއެކު ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމުގެ ހުއްދަ ވެސް ފުރަތަމަ ފިޔަވަހީގައި ދޫކުރާނެ ކަމަށެވެ.