ކުއްލި ޚަބަރު

ބޭންކުތައްވެސް ހަފުތާއަކު ތިން ދުވަހު ހުޅުވަން ހުއްދަ ދީފި

ބޭންކުތައްވެސް ހަފުތާއަކު ތިން ދުވަހު ހުޅުވަން ހުއްދަ ދީފިއެވެ.

ކޮވިޑް-19 މާލެ އިން ފެނުމާއެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އެއާއެކު ސަރުކާރުގެ އޮފީސްތަކާއި ބޭންކުތައް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޒަރޫރީ ހިދުމަތްތައް ދިނުމަށް ހަފްތާއަކު ދެ ދުވަހަށް ނުވަތަ ތިން ދުވަހަށް ބޭންކުތައް ވަނީ ހުޅުވައިފައެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު ގައުމާ މުހާތަބު ކުރައްވާ މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެކަމުގެ ތަފްސީލުތައް ދެއްވުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހި ދިގު ދެމިގެންދާނީ ދެ ހަފްތާއަށް ކަމަށެވެ. އަދި އެއަށްފަހު ހާލަތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ފިޔަވަހިތައް ހާމަކުރައްވާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ދެ ހަފްތާގައި ދިން ދުވަހަށް ބޭންކުތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ހިދުމަތް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލޮކްޑައުންގެ ހާލަތުގައި ބޭންކުތަކުގެ ގިނަ ހިދުމަތްތައް ދީފައިވަނީ އޮންލައިންކޮށެވެ. އަދި ބޭންކުތަކުން ވެސް ދަނީ އެކަމަށް ބާރު އަޅައި، ބައެއް ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ވެސް ހަމަޖައްސައިދީފައެވެ.