އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމުގެ ކަންތައްތަކާއި، އެކަމާ ގުޅިގެން ކައުންސިލަރުންނަށް ވާނެގޮތާ ބެހޭގޮތުން ފަރުވާއެއް ހޯދައިދެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު، އަންނަ މަހުގެ ތިނަކަށް މިހާރު ތިބި ކައުންސެލަރުންގެ ދައުރު ހަމަވާތީ، ދެން އިންތިހާބެއް ބާއްވައި އާ ކައުންސެލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް، ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް، މިރޭގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، އެ މައްސަލަޔަށް ހައްލެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަމަ ހުށަހެޅީ ހައިކޯޓަށް ކަމަށެވެ.
ނަމަވެސް އެ މައްސަލައިގެ ބާވަތުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަހެޅުމަށް ހައިކޯޓުން އީސީއަށް ލަފާދިނުމުން އެފަރާތުން މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅި ކަމަށާއި، އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށްބުނެ އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް އީސީއަށް އެންގީ މަޖިލީހުން ކަމަށް އުޝާމް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވެސް އޭރު ވިދާޅުވީ އެގޮތަށް ކަމަށާއި، އިންތިހާބު ލަސްކުރުން ފަދަ ކަންކަަމަކީ، ސުޕްރީމްކޯޓާ ގުޅުން ހުރި ކަންކަން ނޫން ކަމަށާއި އެކަމަށް ފަރުވާއެއް ހޯދައިދެވޭނީ މަޖިލީހަށް ކަމަށް މަޖިލިސް ރައީސް އޭރު ވިދާޅުވިކަމަށް އުޝާމް ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން އެމައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅީމަ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ދެންނެވީ، ރައްޔިތުންގެ މަޖިލީހުން އެމައްސަލަޔަށް ހައްލެއް ހޯދައިދޭނަމޭ، ތިބޭފުޅުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަންގަވާށޭ، އިއްޒަތްތެރި ރައީސްވެސް އޭރު ވިދާޅުވީ ހަމަ އެގޮތަށް، 17 މާޗް 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްޒަތްތެރި ރައީސް ވިދާޅުވި، އިންތިހާބު ބާތިލް ކުރުމާއި އިންތިހާބު ލަސްކުރުން ފަދަ ކަންކަަމަކީ، ސުޕްރީމްކޯޓާ ގުޅުންހުރި ކަންކަމެއް ނޫންކަމަށް އިންތިހާބު ލަސްކުރަން ޖެހިއްޖެނަމަ އެކަމަށް ފަރުވާއެއް ހޯދައި ދެވޭނީ މި މަޖިލީހުން ކަމަށް،" އުޝާމް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވުމާ ގުޅިގެން މިނވަން މުއައްސަސާތަކުގެ ކޮމިޓީއަށް އީސީގެ މެންބަރުން ހާޒިރުކޮށް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށާއި، މަޖިލީހުން އެކަމަށް ހައްލެއް ހޯދައިދޭނެކަމަށް ދެންނެވި ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ނަމަވެސް އެކަމަށް މަޖިލީހުން ހައްލު ހޯދައިދިނުމުގެ ބަދަލުގައި މިހާރު މިފެންނަނީ އެ މައްސަލަޔަށް ސުޕްރީމްކޯޓުގެ ލަފަޔަކަށް މަޖިލީހުން އަހާތަން ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައިވެސް އިންނަވާ އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ އެ ވާހަކަތަކައް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިންތިހާބު ލަސްކުރުމާބެހޭ ބިލަށް މަޖިލީހުގައި ބަހުސްކޮށް، ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގުވެސް ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އުޝާމް ވިދާޅުވީ، "އެކަމާބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހުށހަޅާފައިވާ މައްސަލައިގައި ވަނީ، އިންތިހާބު ލަސްކުރުމާއި، އެކަމާ ގުޅިގެން ކައުންސިލަރުންނަށް ވާނެގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ.
އެހެންކަމުން މަޖިލީހުން އެކަމަށް ފަރުވާއެއް ހޯދައި ނުދީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.