ލޮކްޑައުންއަށް މާދަމާއިން ފެށިގެން ލުއި ދޭ އިރު ގިނަ ވިޔަފާރިތަކެއް ހުޅުވަަން ހުއްދަ ދީފިއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން އިއުލާންކޮށް މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ލޮކްޑައުން އިއުލާން ކޮށްފަ އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މުއްދަތު ހަމަވާނީ މާދަމާއެވެ. ނަމަވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިިދިޔަ ހަފްތާގެ ބުދަ ދުވަހު އިއުލާން ކުރައްވައިފައެވެ.
އެކަމުގެ ތަފްސީލުތައް ދެއްވުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހި ދިގު ދެމިގެންދާނީ ދެ ހަފްތާއަށް ކަމަށެވެ. އަދި އެއަށްފަހު ހާލަތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ބަލައި، ކުރިއަށް އޮތް ފިޔަވަހިތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރީޓެއިލް ފިހާރަތަކުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއަށް ސުޕަމާކެޓްތައް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ފާމަސީތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ ކަމަށާއި އަދި މޮބައިލް ފޯނު ފިހާރަތައް، އިލެކްޓޯނިކް ފިހާރަތައް، ފޮތި ފިހާރަތައް، ކުޅިވަރު ސާމާނު ވިއްކާ ފިހާރަތައް، ކޮސްމެޓިކްސް ވިއްކާ ފިހާރަތައް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ޑެލިވަރީ ސާވިސް ދޭ ފަރާތްތަކާއި އޮޓޯ މޮބައިލް ތަންތަނާއި އިލެކްޓްރޯނިކްސް ރިޕެއާކޮށް ދޭ ތަންތަނާއި ވޯކްޝޮޕް ޚިދުމަތްތައް ހުޅުވައި ހިދުމަތް ދެވޭއިރު މަސްމާރުކޭޓު ވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ރެސްޓޯރެންޓާއި ކެފޭތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި ދެވަނަ ފިޔަވަހީގައި ޑެލިވަރީގެ އިތުރުން ޓޭކްއަވޭއަށް ވެސް ހުޅުވާލެވޭނެ ކަމަށެވެ.