ކުއްލި ޚަބަރު

ކަމާ ބެހޭ ފަރާތްތަކުން ދޭ ހުއްދައާ އެކު މާދަމާއިން ފެށިގެން ބޭރުގައި އުޅެވޭނެ: މިނިސްޓަރު އަމީން

ކަމާ ބެހޭ ފަރާތްތަކުން ދޭ ހުއްދައާ އެކު މާދަމާއިން ފެށިގެން ބޭރުގައި އުޅެވޭނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން އިއުލާންކޮށް މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ލޮކްޑައުންގެ މުއްދަތު އިއުލާންކުރި ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މުއްދަތު ހަމަވާނީ މާދަމާއެވެ. ނަމަވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިިދިޔަ ހަފްތާގެ ބުދަ ދުވަހު އިއުލާން ކުރައްވައިފައެވެ.

އެކަމުގެ ތަފްސީލު ދެއްވުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހި ދިގު ދެމިގެންދާނީ ދެ ހަފްތާއަށް ކަމަށެވެ. އަދި އެއަށްފަހު ހާލަތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުރިއަށް އޮތް ފިޔަވަހިތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މާދަމާ އިން ފެށިގެން ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެ ފަހަރު، ދެގަޑިއިރު ބޭރަށް ނުކުމެވޭނެ ކަމަށާއި އަދި ބޭރުގައި އުޅެވޭނެ ޒޯންތައް ވެސް އިތުރު ކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މާލޭގައި ބާޒާރުކުރުމުގެ ހުއްދަ ފުލުހުން މިހާރު ދެމުން އަންނަނީ ގޭބިސީއަކުން އެކަކަށް، ހަފްތާއަކު އެއްފަހަރު ދިއުމަށެވެ. އަދި ދިއުމަށް ހުއްދަ ދެނީ ވެސް ވަކި ސަރަހައްދެއްގައި ހުންނަ ފިހާރަތަކަށެވެ. އެގޮތުން މިހާރު ވެސް ގްރޯސެރީ އަދި ވިޔަފާރި ހުއްދަ ދިން އަދަދު 32000 އިން މައްޗަށް އަރާފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ރޭ ވަނީ ވިދާޅުވެފައެވެ.