ކުއްލި ޚަބަރު

ލޮކްޑައުންނަށް ލުއިދޭ ފުރަތަމަ ފިޔަވަހި ދެ ހަފުތާއަށް ދެމިގެން ދާނެ: މިނިސްޓަރު އަމީން

ލޮކްޑައުންނަށް ލުއިދޭ ފުރަތަމަ ފިޔަވަހި ދެ ހަފުތާއަށް ދެމިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން އިއުލާންކޮށް މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ލޮކްޑައުން އިއުލާން ކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މުއްދަތު ހަމަވާނީ މާދަމާއެވެ. ނަމަވެސް ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިިދިޔަ ހަފްތާގެ ބުދަ ދުވަހު އިއުލާން ކުރައްވައިފައެވެ. ނަމަވެސް އެ ލުއިތައް ދޭނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލު ދެއްވުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހި ދިގު ދެމިގެންދާނީ ދެ ހަފްތާއަށް ކަމަށެވެ. އަދި އެއަށްފަހު ހާލަތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުރިއަށް އޮތް ފިޔަވަހިތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތަކުގެ ތެރެއިން މާދަމާ އިން ފެށިގެން ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެ ފަހަރު ދެގަޑިއިރު ބޭރަށް ނުކުމެވޭނެ ކަމަށާއި އަދި ބޭރުގައި އުޅެވޭނެ ޒޯންތައް ވެސް އިތުރު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް:

- ސުޕަ މާކެޓްތަކާއި ކަންމަތީ ފިހާރަތަކާއި
- ބޭކަރީތައް
- ބުކްޝޮޕްތަކާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް
- ފާމަސީތައް
- ހާޑްވެއާ ފިހާރަތައް
- ޓެކްސީ އަދި ޕިކަޕުގެ ހިދުމަތް ދެވޭނެ
- މޯބައިލް ފޯނު ފިހާރަތަކާއި އިލެކްޓްރޯނިކް ފިހާރަތައް
- ޑެލިވަރީ ސާވިސް ދޭ ފަރާތްތައް
- އޮޓޯމޯބައިލް
- އިލެކްޓްރޯނިކް ރިޕެއާ ފިހާރަތަކާއި ވޯކްޝޮޕްތައް
- ކޮންސްޓްރަކްޝަން ސައިޓުތައް
- މަސްމާރުކޭޓް

މިނިސްޓަރު އަމީން ވިދާޅުވީ، މޯބައިލް ފޯނު ފިހާރަތަކާއި އިލެކްޓްރޯނިކް ފިހާރަތަކާއި ފޮތި ފިހާރަތަކާއި ކުޅިވަރު ސާމާނު ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ވިއްކާ ފިހާރަތައް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވަރީ ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އޭގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ރެސްޓޯރެންޓާއި ކެފޭތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި ދެވަނަ ފިޔަވަހީގައި ޑެލިވަރީގެ އިތުރުން ޓޭކްއަވޭއަށް ހުޅުވާލެވޭނެ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި ލުއި ނުދެވޭ ކަންކަން:

  • - ސްކޫލުތައް ބަންދުވާނެ
  • - އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާވާނެ
  • - ޕާކުތަކާއި ބީޗު ފަދަ ތަންތަން ބަންދުވާނެ
  • - ޖިމްތަކާއި ސެލޫންތައް ބަންދުވާނެ
  • - އެއާޕޯޓާއި ރިސޯޓްތައް އަދި ގެސްޓް ހައުސްތައް ބަންދުވާނެ
  • - ކުޅިވަރު ކުޅޭ ތަންތަނާއި ރިކްރިއޭޝަން ތަންތަން ބަންދުވާނެ
  • - ޕަބްލިކް ޓްރާންސްޕޮޓޭޝަން ހުޅުވައެއް ނުލާނެ