ދުނިޔެ

ލަންކާއިން ފަތުރުވެރިކަން ފަށައި މައި އެއާޕޯޓު ހުޅުވާލަނީ

މުހައްމަދު އައުޒަމް

ލަންކާއިން ފަތުރުވެރިކަން ފަށައި މައި އެއާޕޯޓު ބަންޑަޔަރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު އަންނަ އޮގަސްޓް މަހު ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ސްރީލަންކާގެ ކޮވިޑް ޓާސްކުފޯސް އިން ވަނީ ލަންކާގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ބަންޑަޔަރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު އޮގަސްޓް މަހުގެ އެކަކުން ފެށިގެން ހުޅުވިދާނެކަމުގެ ލަފާ އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަށް އަރުވައިފައެވެ.

ސްރީލަންކާގެ ކޮވިޑް ޓާސްކުފޯސް އިން ވަނީ އެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް ފަތުރުވެރިކަން ފެށުމަށް ކުރަން ޖެހޭ ކަންކަމާމެދު މަޝްވަރާ ވެސް ކޮށްފައެވެ.

ސްރީލަންކާގެ ކޮވިޑް ޓާސްކުފޯސް އިން ލަންކާގެ ރައީސް ރާޖަޕަކްސަ އާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ ގައުމުން ބޭރުގެ ފަތުުވެރިންނަށް ގައުމު ހުޅުވާލާއިރު ގައުމުގައި ތިބި ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ލަފާ ހޯދަން ޖެހޭކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ މާހިރުންގެ ބަސް މިކަމުގައި މުހިންމުކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ރާޖަޕަކްސަ ވަނީ ފުރަތަމަ މަރުހަލާގައި ލަންކާގެ ޓުއަރިޒަމް ބޯޑުގައި ރަޖިސްޓްރީވެ ހުއްދަ ލިބިފައިވާ ހޮޓާ ތަކާއި ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ދެއްވުމަށް ނިންމަވައިފައެވެ. އަދި މިތަންތަނުގައި ކެއިން ބުއިމުގެ ހިދުމަތް ދެވޭނީ ހަމައެކައި އެހޮޓާތަކުގައި ތިބޭ ފަރާތްތަކަށް އެކަނި ކަމަށްވެސް ވަނީ ނިންމަވަފައިފަ އެވެ.

ލަންކާގެ ޓުއަރިޒަމް ބޯޑުގައި ރަޖިސްޓްރީ ނުކުރާ ތަންތަން ލަންކާގެ އާމީގެ ބެލުމުގެ ދަށުން ފަހުން ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަން ރައީސް ރާޖަޕަކްސަ ވަނީ ފާހަގަ ކުރައްވައިފައެވެ.

ރައީސް ރާޖަޕަކްސަ ވަނީ ހާއްސަ ފިޔަވަޅުތަކެއްގެ ގޮތުން ޓުއަރިސްޓު ފުލުހުން ގެ ޔުނިޓުތަކެއް އުފައްދަވާނެކަމަށް ވެސް ވިދާޅުވެފައެވެ.