އިތުރު 19 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ އަދަދު 1457 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް 13 މީހުންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު 1457 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އެޗްޕީއޭއިން ބުނީ މިއީ މިއަދު މެންދުރު 2:45 އާއި ހަމަޔަށް ރާއްޖެއިން ފެނިފައިވާ ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 232 މީހުންނެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން ފަސް މީހަކު މަރުވެފައި ވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ސަރުކާރުން މިހާރު އަންނަނީ ނިއު ނޯމަލްގައި ރާއްޖެ ހުޅުވާލައި، ލޮކްޑައުން އަށް ލުއިދޭން ތައްޔާރުވަމުންނެވެ.