ކޮވިޑް 19

42 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެ ނޮކިއާގެ ފެކްޓަރީއެއް ބަންދުކޮށްފި

މިންހާ ފާއިޒް ރަޝާދު

ނޮކިއާގެ މުވައްޒަފުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކުންފުނީގެ ފެކްޓްރީއެއް ބަންދުކޮށްފި އެވެ.

އިންޑިއާގެ ޓެމިލްނާޑޫގައި ހުންނަ އެ ފެކްޓަރީ މިދިޔަ ހަފުތާގައި ބަންދުކުރި ނަމަވެސް އެކަން ނޮކިއާއިން ހާމަކޮށްފައިވަނީ އިއްޔެއެވެ. ނަމަވެސް ޕޮޒިޓިވް ވި މުވައްޒަފުންގެ އަދަދެއް ހާމައެއް ނުކުރެއެވެ.

މީޑިއާތަަކަށް އެކަމާގުޅުން ހުރި ފަރާތަކުން ދީފައިވާ މައުލޫމާތުގެ އަލީގައި ރިޕޯޓުކޮށްފައިވާގޮތުގައި އެފެކްޓަރީން ޕޮޒިޓިވް ވެފައިވަނީ 42 މުވައްޒަފެކެވެ.

ނޮކިއާއިން ނެރުނު ބަޔާނެއްގައި ވާގޮތުން އިންޑިއާގެ ލޮކްޑައުނަށް ލުއި ދޭން ފެށުމާއެކު އެ ފެކްޓަރީގެ މަސައްކަތް ފަށާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. ނަމަވެސް މުވައްޒަފުން ޕޮޒިޓިވް ވުމާއެކު އިތުރަށް ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ވަގުތީގޮތުން ފެކްޓަރީ ބަންދުކުރީ އެވެ.

"ވީހާވެސް އަވަހަށް މަސައްކަތް ފެށޭތޯ މިބަލަނީ، އިތުރަށް ފިޔަވަޅުތައް ވަރުގަދަކޮށް އެންމެ ބޭނުންވާ މުހިންމު މުވައްޒަފުންނާއެކު" ނޮކިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޗައިނާގެ ސްމާޓްޕޯން ބްރޭންޑެއް ކަމަށްވާ އޮއްޕޮ ފޯނު އުފައްދާ ނިއު ދިއްލީގައި ހުންނަ ފެކްޓަރީގެ ނުވަ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ފެކްޓަރީވެސް ވަނީ ބަންދުކޮށްފައެވެ.

ދެމަސްދުވަހުގެ ލޮކްޑައުނަކަށްފަހު އިންޑިއާ ހުޅުވާލުމަށް ލުއިތައްދޭން ފަށާފައިވާ ދަނޑިވަޅެއްގައި މިގޮތަށް މީހުން ޕޮޒިޓިވް ވާން ފެށުން ވަނީ އެގައުމަށް ދިމާވެފައިވާ ގޮންޖެހުމަކަށެވެ.

އިއްޔެއާ ހަމައަށް އިންޑިއާގައި 145380 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 4167 މީހަކު ވަނީ މަރުވެފައެވެ.