އައިޖީއެމްއެޗާ ހަވާލުކޮށްފައިވާ ކޮވިޑު ހޮސްޕިޓަލު ޖޫން ކުރީކޮޅު ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މަބުރޫކު މިހެން ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ވަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކޮވިޑް 19އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީ ބޭނުން ކުރަން ފަށާނީ ކޮން އިރަކުންތޯ "ވަން"ގެ ނޫސްވެރިޔާ ސުވާލުކުރުމުން މަބްރޫކު ވަނީ މި ފެސިލިޓީ މިހާރު އައިޖީއެމްއެޗްއާއި ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.
މަބްރޫކު ވިދާޅުވީ އެ ފެސިލިޓީ ހުޅުވާނެ ވަކި ތާރީހެއް މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށާއި އެ ފެސިލިޓީ ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އައިޖީއެމްއެޗުން ކަމަށެވެ. ނަމަވެސް ޖޫން މަހު ފުރަތަމަކޮޅު މި ހޮސްޕިޓަލު ހުޅުވާނެ ކަމަށް ބެލެވޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ހައި ރިސްކުގެ މީހުން ފަރުވާއަށް ގެންދިއުމަށް ނިންމާފައިވަނީ މި ފެސިލިޓީއަށް ކަމަށާއި މި ފެސިލިޓީ ބޭނުން ކުރަން ނުފެށި ލަސްވަނީ މި ފެސިލިޓީގައި މަސައްކަތް ކުރާ ސްޓާފުން ހަމަޖެއްސުން ފަދަ ކަންކަމުގައި ލަސްތަކެއް އުޅޭތީކަން މަބްރޫކު ފާހަގަކުރެއްވިއެވެ.
ކޮވިޑް 19އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެތަން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ހަވާލުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ސަރުކާރުން ވަނީ މީގެ ކުރިން މި ފެސިލިޓީ ހެދުމަށް ޖުމުލަ 40 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބުނެފައެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އަދި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް އިތުރު 28 މިލިއަން ރުފިޔާއެވެ.