ލޮކްޑައުންގެ ގަވައިދާ ހިލާފުވެގެން ޖޫރިމަނާކުރި މީހުންގެ އަދަދު 5500 އިން މައްޗަށް އަރައިފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް 19 ޖެހިފައި ހުރި މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑެއް ފެށިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ހާމަކުރުމުން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުން ކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.
މި ލޮކްޑައުންގެ މުއްދަތުގައި ފުލުހުންގެ ހާއްސަ ހުއްދައަކާ ނުލައި މަގުމައްޗަށް ނުކުމެ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އަމުރަށް ނުކިޔަމަންތެރިވާ މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިފައިވެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް އައި އިރު ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 5500 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު 300 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ މަހާއި މިމަހާ އަޅާބަލާއިރު މީހުން ކަންކުރާ ގޮތް ތަންކޮޅެއް ރަނގަޅުވެފައިވާ ކަމަށާއި އަދި ލޮކްޑައުންގެ އަމުރަށް އެއްބާރުލުން ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.