ކުއްލި ޚަބަރު

ގްރޯސެރީ އަދި ވިޔަފާރި ހުއްދަ ދިން އަދަދު 32000 އިން މައްޗަށް!

ގްރޯސެރީ އަދި ވިޔަފާރި ހުއްދަ ދިން އަދަދު 32000 އިން މައްޗަށް އަރައިފިއެވެ.

އާއްމުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުން ކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކޮންމެ ގެއަކުން ވެސް އެކަކަށް ވިޔަފާރިކުރަން ވަކި ފިހާރަތަކަކަށް ދިއުމުގެ ހުއްދަ ފުލުހުން އަންނަނީ ދެމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ވިޔަފާރި ކުރުމަށް މިހާތަނަށް 30،000 އަށްވުރެ ގިނަ ހުއްދަ ފުލުހުން ދޫކޮށްފައިވާއިރު ވިޔަފާރިތަކަށް 2800 ހުއްދައެއް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް މާސްކު އަޅައިގެން އުޅޭ މީހުން ގިނަ ކަމަށާއި އަދި ކުރިއަށްވުރެ ބޮޑަށް ގައިދުރުކަމަށް އިސްކަންދޭކަން ފާހަގަކުރެވޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ބޭރަށް ނުކުތުމަކީ ރަނގަޅު ކަމެއް ނޫންކަން އަދި ގިނައިރު ބޭރުގައި އުޅުން ވެސް ރަނގަޅު ނޫންކަން ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި ކުރުމަށް 30،000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާއިރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މީގެ ކުރިން ވިދާޅުވެފައިވަނީ، ވިޔަފާރި އަދި ޑެލިވަރީގެ ބޭނުމަށް ދޫކޮށްފައިވާ ހުއްދައިގެ އަދަދު މާ ގިނަ ކަމަށެވެ.