އަލީ ޔާމިން
ޕޮޒިޓިވް މީހުން ބަލަހައްޓަން ޕޮޒިޓިވް ނޫން މީހުން އައިސޮލޭޝަނަށް ގެންދަނީ އާއިލާއިން އެދުމުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ހައިރިސްކް ކެޓަގަރީތަކުން ޕޮޒިޓިވްވާ މީހުން ބަލަހައްޓަން ޕޮޒިޓިވް ނޫން މީހުން އައިސޮލޭޝަނަށް ގެންދަނީ އާއިލާއިން އެދުމުން ކަމަށެވެ.
ހައި ރިސްކް ކެޓަގަރީގައި ހިމެނެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި، މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާކުރާ އަދި ދިގުމުއްދަތަށް ބޭސް ބޭނުންކުރާ މީހުންނެވެ.
"ތިކަހަލަ ކޭސްތަކުގައި ބަލި މީހާގެ ފަރާތުން އެއީ އުމުރުފުރައިގެ (ހައިރިސްކް) މީހަކަށް ވާތީވެ، އެދިގެން ހަގީގަތުގައި ދާ ބަޔަކަށް މިވަނީ ގިނަފަހަރު. މާނައަކީ އަޅުގަނޑުމެން ބުނަނީކީ ނޫނޭ، ބަލި މީހާއާ އެއްކޮށް ބަޔަކު ފޮނުވަން ޖެހޭނެއޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، އެގޮތަށް ގެންދެވޭ މީހުންނަކީވެސް ބައްޔަށް ހުށަހެޅިފައިވާ މީހުން ކަމަށާއި އެމީހުން ގެންދިއުމަށް ފަހު ނެގެޓިވް ވެއްޖެނަމަ ބަލި މީހާއާ އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް އާއިލާއިން އެދިއްޖެ ނަމަ ނެގެޓިވްވިޔަސް ބަލި މީހާއާއެކު އެމީހާ ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 1438 މީހަކަށް ބަލިޖެހިފައިވާ އިރު، 232 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފަސް މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.