ލުއިތަކެއް ދިނަސް ލޮކްޑައުން އުވައިނުލައި ދަމަހައްޓާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިތަކެއް ދިނަސް ލޮކްޑައުން އެއްކޮށް އުވައިނުލާނެ ކަމަށާއި އެގޮތުން ލޮކްޑައުން އެއްކޮށް އުވައިލާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިތައް ދިނުމަކީ ނިއު ނޯމަލްއަކަށް ދިއުމުގެ ދަތުރުގެ ފެށުން ކަމަށެވެ.
"އެފަދަ ނިއު ނޯމަލްއަކަށް ދާން ފަށައިގަންނައިރު އަޅުގަނޑުމެން ބަލާނީ އެންމެ އެންމެ ރަނގަޅު ހިސާބަކަށް ދިޔައީމަކާއެއް ނޫނޭ. އަޅުގަނޑުމެން ފަށަން ޖެހޭނީ ވަކި ލެވެލްއެއްގައި ހިފެހެއްޓިފައި ހުންނަ އަލާމާތްތަކެއް ފެނުނީމަ އެހިސާބުން ދެން އިންނަ ސްޓެޕަށް މިދަނީ. އެވެސް ލޮކްޑައުނެއްގެ ތެރޭގައި ތިބެގެން ކޮންމެވެސް ވަރެއްގެ ފަސޭހަތެއް މިދެނީ. ދެން އަޅުގަނޑުމެން އޮބްޒާވްކުރަމުން ގޮސްފައި އަންނާނެ ދެވަނަ ފިޔަވަހިތަކަށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިދޭ ފިޔަވަހިތައް ކަނޑައަޅައިފައިވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މާލޭ ސަހަރައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާ އިރު، ސަރުކާރުން އަންނަނީ ލޮކްޑައުނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ.