ކުއްލި ޚަބަރު

ރާއްޖޭގައި ލޮކްޑައުނަށް ލުއި ދޭނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް: ޑރ. އަފްޒަލް

އަލީ ޔާމިން

ރާއްޖޭގައި ލޮކްޑައުނަށް ލުއި ދޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިދޭނީ ޑަބްލިޔުއެޗްއޯއިން ދޭ މައުލޫމާތުތަކާއި، އެ ޖަމިއްޔާގެގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

"ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސްއާ އެއްގޮތަށް އަޅުގަނޑުމެން މި ލުއިތައް ދެނީ. ލޮކްޑައުން އެއްކޮށް ރިލީސްކޮށްލަނީކު ނޫންމީ. ލޮކްޑައުންގައި ފަސޭހަތަކެއް ދެނީ. އެއީ ލޮކްޑައުންގައި އަންނަަ އީސް. ޑަބްލިޔުއެޗްއޯ ފަދަ މުއައްސަސާތަކުން އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާވެ އަޅުގަނޑުމެން އެ ގައިޑްލައިންސް ހަދާފައި މިވަނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މާލޭ ސަރަހައްދުގައި ބަލި ފެތުރިފައިވާއިރު ދުވާލަކަށް 50 ކޭސް ފެނުމަކީ ގިނަ އަދަދެއް ނޫން ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ އެއްވެސް ބަލި މީހަކު ނުފެނުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ނިއު ނޯމަލްއަކަށް ދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ މަރުހަލާތަކާ ބެހޭ ތަފްސީލް ކުރިއަށް އޮތް ދުވަސްތަކުގައި ޑރ. ޝީނާ ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާ އިރު، އެ ދުވަހަށް ފަހު ލޮކްޑައުނަށް ލުއިތަކެއް ގެންނާނެ ކަމަށް މީގެކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.