ކުއްލި ޚަބަރު

ދެ އަހަރުން ދަށުގެ ކުދީން މާސްކް އެޅުވުން ރައްކާތެރިއެއް ނޫން: ޑރ. އަފްޒަލް

ދެ އަހަރުން ދަށުގެ ކުދީން މާސްކް އެޅުވުން ރައްކާތެރިއެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މާސްކު އެޅުނީމަ އެ ހިސާބުން އެ ނިމުނީއޭ ހީކޮށްގެން ނުވާނެ ކަމަށާއި އިތުރު ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ގައިދުރުކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމުރުން ދެ އަހަރުގެ ކުދިން މާސްކު އަޅުވައިގެން ނުވާނެ. އަމިއްލައަށް މާސްކު ނަގަން ނޭނގޭ ވަރުގެ ކުޑަކުދިންނަށް ނޫނީ އެފަދަ ހާލުގައިވާ މީހަކަށް ވެއްޖެއްޔާ މާސްކު އެޅުމެއް ނޫން އޮންނާނީ. އޭނާގެ ރައްކާތެރިކަމަކަށް އެހެން މީހުން މާސްކު އަޅަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާސްކުން ނޭފަތާއި އަނގަ ރަނގަޅަށް ކަވަރު ވާންޖެހޭނެ ކަމަށާއި މާސްކު އަޅާއިރު ބާރުކޮށް ރަނގަޅަށް ފިޓުވެފައި ހުންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކަންފަތުގެ ފަހަތުގައި އަޅުވާފައި އިންނަ ލޫޕު އިންނަން ޖެހޭނެ ކަމަށާއި ނޫނީ ފަހަތުގައި އައްސާލެވޭ ކަހަލަ ގޮތަކަށް އިންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާސްކުގައި ވެއްޖެއްޔާ މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު އިންނަން ޖެހޭނެ. މާނައަކީ ހަމައެކަނި އެއް ލޭޔަރުގެ ފޮތިކޮޅަކަށް ވެގެން ނުވާނެއޭ. މާސްކުގައި ހުންނަން ޖެހޭ އަނެއް ސިފައަކީ މާސްކު އަޅާފައި ހުންނަ އިރު، ފަސޭހައިން ނޭވާލެވެން ޖެހޭނެ. އެއްވެސް ވަރަކަށް މާސްކުގެ ބޯމިނުން ނުވަތަ މާސްކު ހެދިފައިވާ ގޮތަކުން ނޭވާ ރަނގަޅަށް ދައުރުނުވާ ގޮތަކަށް ހުރެގެން ނުވާނެ. އަދި މާސްކު ހަދާފައި ހުންނަ ފޮއްޗަކީ އެހާ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށް ވެގެން ނުވާނެ. ކޮންމެވެސް ވަރެއްގެ ވޯޓާ ރެޕެލަންޓް ފޮއްޗަކަށް ވާން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ފޮރަންޓްލައިނުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ވަކި ހާއްސަ ސިއްހީ ފަރުވާދޭ ބައެއް ކަހަލަ ސެޓަފްތަކުގައި މަސައްކަތްކުރާ މީހުން ޖެހޭނެ ސާޖިކަލް މާސްކު ނުވަތަ އެން 95 މާސްކު ނުވަތަ ރެސްޕިރޭޓަރީ މާސްކު ބޭނުންކުރަން ކަމަށާއި އެފަދަ ސެޓިންއެއްގައި ބޭނުންކުރަން ޖެހޭނީ އެފަދަ ކަމަކަށް ހާއްސަވެގެންވާ މާސްކުތައް ކަމަށެވެ.