ކުއްލި ޚަބަރު

ފަސޭހައިން ތެމޭ ފޮއްޗަކުން މާސްކް ތައްޔާރުކޮށްގެން ނުވާނެ، އެއް ލޭޔަރަށްވުރެ ގިނަ ލޭޔަރު ހުންނަން ޖެހޭނެ

ފަސޭހައިން ތެމޭ ފޮއްޗަކުން މާސްކް ތައްޔާރުކޮށްގެން ނުވާނެ ކަމަށާއި އެއް ލޭޔަރަށްވުރެ ގިނަ ލޭޔަރު ހުންނަން ޖެހޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މާސްކުން ނޭފަތާއި އަނގަ ރަނގަޅަށް ކަވާ ވާންޖެހޭނެ ކަމަށާއި މޫނު މަތީގައި އަޅާއިރު، ބާރުކޮށް ރަނގަޅަށް ފިޓުވެފައި ހުންނަން ޖެހޭނެ ކަމަށެވެ.

"މީގެ އިތުރުން ކަންފަތުގެ ފަހަތުގައި އަޅުވާފައި އިންނަ ލޫޕު އިންނަން ޖެހޭނެ. ނޫނީ ފަހަތުގައި އައްސާލެވޭ ކަހަލަ ގޮތަކަށް އިންނަން ޖެހޭނީ. މާސްކުގައި ވެއްޖެއްޔާ މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު އިންނަން ޖެހޭނެ. މާނައަކީ ހަމައެކަނި އެއް ލޭޔަރުގެ ފޮތިކޮޅަކަށް ވެގެން ނުވާނެއޭ. މާސްކުގައި ހުންނަން ޖެހޭ އަނެއް ސިފައަކީ މާސްކު އަޅާފައި ހުންނަ އިރު، ފަސޭހައިން ނޭވާލެވެން ޖެހޭނެ. އެއްވެސް ވަރަކަށް މާސްކުގެ ބޯމިނުން ނުވަތަ މާސްކު ހެދިފައިވާ ގޮތަކުން ނޭވާ ރަނގަޅަށް ދައުރުނުވާ ގޮތަކަށް ހުރެގެން ނުވާނެ. އަދި މާސްކު ހަދާފައި ހުންނަ ފޮއްޗަކީ އެހާ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށް ވެގެން ނުވާނެ. ކޮންމެވެސް ވަރެއްގެ ވޯޓާ ރެޕެލަންޓް ފޮއްޗަކަށް ވާން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާސްކު އެޅުނީމަ އެ ހިސާބުން އެ ނިމުނީއޭ ހީކޮށްގެން ނުވާނެ ކަމަށާއި އިތުރު ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ގައިދުރުކުރުމަށް ވެސް ސަމާލުކަން ދޭން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން މިދެންނެވި ސިފަތައް ހުންނަ ކަހަލަ ގޮތަކަށް މާސްކު ތައްޔާރުކުރެވިދާނެ. އުމުރުން ދެ އަހަރުގެ ކުދިން މާސްކު އަޅުވައިގެން ނުވާނެ. އަމިއްލައަށް މާސްކު ނަގަން ނޭނގޭ ވަރުގެ ކުޑަކުދިންނަށް ނޫނީ އެފަދަ ހާލުގައިވާ މީހަކަށް ވެއްޖެއްޔާ މާސްކު އެޅުމެއް ނޫން އޮންނާނީ. އޭނާގެ ރައްކާތެރިކަމަކަށް އެހެން މީހުން މާސްކު އަޅަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ފޮރަންޓްލައިނުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ވަކި ހާއްސަ ސިއްހީ ފަރުވާދޭ ބައެއް ކަހަލަ ސެޓަފްތަކުގައި މަސައްކަތްކުރާ މީހުން ޖެހޭނެ ސާޖިކަލް މާސްކު ނުވަތަ އެން 95 މާސްކު ނުވަތަ ރެސްޕިރޭޓަރީ މާސްކު ބޭނުންކުރަން ކަމަށާއި އެފަދަ ސެޓިންއެއްގައި ބޭނުންކުރަން ޖެހޭނީ އެފަދަ ކަމަކަށް ހާއްސަވެގެންވާ މާސްކުތައް ކަމަށެވެ.