ލޮކްޑައުންގެ ހާލަތުގައި އެއްގޮތަކަށްވެސް ގޭގެޔަށް ޒިޔާރަތްކޮށްގެން ނުވާނެ ކަމަށާއި ކުރިޔަސް ހުއްޓުވަން ޖެހޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ގޭގެޔަށް ޒިޔާރަތްކުރުން ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
"ލޮކްޑައުންގައި ހަގީގަތުގައި ގޭގެޔަށް ވިޒިޓްކުރުމުގެ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ. އެގޮތަށް ކަން ކުރާ ކަމަށްވާ ނަމަވެސް، އެގެއެއްގެ ބަޔަކު ޖެހޭނެ އެކަން ހުއްޓުވަން. ނުވަތަ މިފަދަ ހާލަތުގައި އަޅުގަނޑުމެން އެއްވެސް ވަރެއްގެ ވިޒިޓްކުރުމުގެ ކަންކަން ކުރިއަށްގެންގޮސްގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މި ދުވަސްކޮޅު ބޭރަށް ނުކުންނަ އިރުވެސް، ގޭތެރޭގައި އުޅޭ އިރުވެސް ވީހާވެސް ބޮޑަކަށް ގައިދުރުކުރުން ދަމަހައްޓަން ޖެހޭނެ ކަމަށާއި މީގެ އިތުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަކީ އާދައަކަށް ހަދަން ޖެހޭނެ ކަމަށެވެ.
"ފިހާރަތަކަށް އެއްޗެހި ގަންނަން ވަޑައިގަންނަވާ އިރު، އެކަމަށް ހާއްސަވެގެންވާ މީހަކު ކޮންމެ ގެއެއްގައި ވެސް ހުރުން މުހިންމު. އަދި ފިހާތަކުގެ ލައިނުގައި ތިއްބަވާ އިރުވެސް ވަރަށް ސަމާލުކަން ދީގެން ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަވަން ޖެހޭނެ. ބޭރަށް ނުކުންނަވާ އިރު، ޖެނެރަލް އެޑްވައިސްއަކީ މާސްކު އަޅުއްވައިގެން ނުކުންނެވުން،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ގޭގައި ތިބޭ ހައި ރިސްކު ގްރޫޕުގެ މީހުންނާ ގޭގެ އެހެން މީހުން ކޮމިއުނިކޭޓް ކުރާ އިރު، ގައިދުރުކުރުން ވަކިން ހާއްސަގޮތެއްގައި ބަހައްޓަން ޖެހޭނެ ކަމަށާއި ވިޔަފާރިކުރަން ނުކުންނަ މީހާ ހައި ރިސްކު މީހަކާ ބައްދަލުކުރުމުގެ ކުރިން ރަނގަޅަށް ފެންވަރާލައިގެން، ސާފުވެލައިގެން، އަންނައުނު ބަދަލުކުރަން ޖެހޭނެ ކަމަށެވެ. ރިސްކު ގްރޫޕަކީ 65 އަހަރުން މަތީގެ މީހުންނާއި ފަސް އަހަރުންދަށުގެ ކުޑަކުދިންނާއި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހިފައިވާ ބައްޔެއްގައި އުޅޭ މީހުންނާއި މާބަނޑު އަންހެނުންނެވެ.