ކުއްލި ޚަބަރު

ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު 2900 އިން މައްޗަށް

ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު 2900 އިން މައްޗަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު ވިދާޅުވީ، މިރޭގެ 9:00 އާ ހަމައަށް ކަރަންޓީން ފެސިލިޓީތަކުގައި 1817 މީހަކު ތިބިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1108 މީހަކު އެބަ ތިބި ކަމަށެވެ. މިއީ 2925 މީހުންނެވެ.

މަބްރޫކު ވިދާޅުވީ، ރިޕީޓަޑް ސާމްޕަލްތަކާއެކު މިހާތަނަށް 20،551 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ހަދާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 297 މީހަކު ފާހަގަކުރެވި 419 އިމާރާތަކާއި އެޕާޓްމަންޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ކޮވިޑަށް 10 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި 43 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 1438 އަށް އަރައިފައެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 232 އެވެ. އަދި ރާއްޖޭގައި ކޮވިޑު ޖެހިގެން މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.