ކުއްލި ޚަބަރު

އިތުރު 5000 ޓެސްޓް ކިޓް ލިބިއްޖެ

ރާއްޖޭގައި ކޮވިޑް 19އަށް ޓެސްޓުކުރުމުގެ މަސައްކަތަށް އިތުރު 5000 ޓެސްޓު ކިޓު ލިބިއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ފަރާތުން ހަދިޔާކުރި އެ ޓެސްޓު ކިޓުތައް މިހާރު އައިޖީއެމްއެޗާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއާއެކު އެ ޖަމިއްޔާއިން ރާއްޖެއަށް މިހާތަނަށް 26،000 އަށްވުރެ ގިނަ ޓެސްޓް ކިޓު މިވަނީ ހަދިޔާކޮށްފައެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ވެސް ވަނީ 10،000 ޓެސްޓް ކިޓާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ޑަބްލިޔުއެޗްއޯ އިން އެކި ގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައި ވެސް އެ ޖަމިއްޔާއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.