އިތުރު 43 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލި ޖެހުނު ޖުމުލަ އަދަދު 1438 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރެއާ ހަމައަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ކޮވިޑް ޖެހިފައިވަނީ 1395 މީހުންނަށެވެ.
ނަމަވެސް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރެއާ ހަމައަށް އިތުރު 43 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އެއާއެކު ޖުމްލަ އަދަދު މިހާރު 1438 އަށް އަރާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެ 43 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 31 މީހަކާއި ނުވަ ދިވެއްސަކާއި އިންޑިއާގެ ތިން މީހެއް ކަމަށެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 232 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، އެ ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި، ބަންގްލަދޭޝްގެ ދެ މީހެކެވެ.