ކުއްލި ޚަބަރު

މަގުމައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝް މީހަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައި، ކޮވިޑަށް ޕޮޒިޓިވް!

ކޮވިޑް 19އަށް ޕޮޒިޓިވް ފަސްވަނަ މީހަކު މަރުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މަގުމައްޗަށް ވެއްޓިފައި އޮތް ބަންގުލަދޭޝް މީހަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އެމީހާއަކީ 45 އަހަރުގެ ފިރިހެނެކެވެ.

"ރޭގެ 10:45 ގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ބަންގުލަދޭޝްގެ ބޭފުޅަކު ގެންދެވިފައި. ހޭވެރިކަން ނެތިގެން، މަގުމަތިން ފެނިގެން ގެންގޮސްފައިވަނީ. އަދި އައިޖީއެމްއެޗަށް ގެންދެވުނު އިރު ނިޔާވެފައި ކަމަށް ވަނީ ނިންމާފައި. ކޮވިޑަށް ޓެސްޓުކުރެވުނު. އަދި ކޮވިޑަށް ޕޮޒިޓިވް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިހާތަނަށް ހަތަރު މީހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އަދި އޭނާއަކީ ދިވެހި އަމިއްލަ ފަރާތަކާއެކު މަސައްކަތްކުރަން އުޅޭ މީހެއް ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

"ހޮސްޕިޓަލަށް ގެންދެވުނީ އެގޮތަށް ފެނުނު ކޭސްއެއް ކަމަށްވާތީ ކޮވިޑު ޕާތުވޭގެ ތެރެއިން. މިއީ ދިވެހި އަމިއްލަ ފަރާތަކާއެކު މަސައްކަތްކުރަން އުޅޭ ބޭފުޅެއް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. ރޭގައި އޭނާ 10:00 ގައި ފަރީދީ މަގުގައި ހުރި ތަނަކަށް ދިޔަ ކަމަށް. އަދި އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށް. މިހާރު މަސައްކަތަށް ނުނުކުންނަތާ ދެ މަސް ދުވަސް ވަރު ވެދާނެ ކަމަށް. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރި ކަމަކަށް އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ. މި މީހާ ދަންނަ އެއްވެސް މީހަކަށް ބަލީގެ އަލާމާތެއް ހުރިކަން އެނގިފައެއް ނުވޭ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ އޭނާ ދިރިއުޅެމުން ދިޔައީ އިތުރު ބަންގުލަދޭޝް ބަޔަކާއެކު ކަމަށާއި އެހެންނަމަވެސް އެއީ ކޮންޓެއިންމަންޓް ސައިޓެއް ނޫން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފަސްވަނަ ކޮވިޑް މަރު ކަމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މީގެ ކުރިން ކޮވިޑު ޖެހިގެން މަރުވެފައިވަނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝް މީހެކެވެ.