ދުނިޔެ

އެމެރިކާގެ ސެލޫނަކުން ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ހިދުމަތް ހޯދި 140 މީހުން ނުރައްކަލަށް

އެމެރިކާގެ ސެލޫނަކުން ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ހިދުމަތް ހޯދި 140 މީހުން ނުރައްކަލަށް ހުށަހެޅިއްޖެއެވެ.

އެމެރިކާގެ މިސޯރީ ސްޓޭޓުގެ ގްރޭޓް ކްލިޕްސް ސެލޫންގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ސެލޫނުން ހިދުމަތް ހޯދި 140 މީހަކަށް ކޮވިޑްގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ.

އެ ސެލޫނުން ވަނީ އެތަނުގެ މުވައްޒަފަކު ބަލީގެ އަލާމާތްތަކާއެކު އަށް ދުވަހު މަސައްކަތް ކުރިކަމަށް ބުނެފައެވެ. އަދި އެމުވައްޒަފުގެ ފަރާތުން ހިދުމަތް ހޯދަން ދިޔަ 84 މީހުންނާއި ސެލޫންގެ އިތުރު 7 މުވައްޒަފަކަށް އެކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ.

ސެލޫންގެ މުވައްޒަފުން ޓެސްޓު ހެދުމުން އިތުރު އެކަކު ޕޮޒިޓިވް ވެ ހިދުމަތް ހޯދި އިތުރު 56 މީހަކު ކޮވިޑްގެ ނުރައްކަލަށް ކުރިމަތިވެފައިވާކަމަށް ވެސް ސެލޫންގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

އޮފިޝަލު އިތުރަށް ބުނީ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އަދި ސެލޫނުން ހިދުމަތް ހޯދި ހުރިހާ އެންމެންނަށްވެސް މިދިމާވި ކަންކަން ހިއްސާކޮށްފައި ވާނެކަމަށް ވަނީ ބުނެފައެވެ.

ސިއްހީ މާހިރުންގެ ލަފާގެ މަތިން ސެލޫން މިހާރު ހުރީ ބަންދުކޮށްފައެވެ.

ހިދުމަތް ހޯދި ބައެއް މީހުން މީޑިއާއަށް މައުލޫމާތުދެމުން ވަނީ ހިދުމަތް ލިބުނުއިރު ބައެއް މުވައްޒަފުން ތިބީ މާސްކު ނާޅައި ކަމަށް ބުނެފައެވެ. ހިދުމަތް ހޯދި ގިނަމީހުން މިހާރުވަނީ ކަރަންޓީނުކޮށްފައި ކަމަށްވެސް ވަނީ ބުނެފައެވެ.

ލޮކްޑައުން އަށް ފަހު މިސޯރީ ސްޓޭޓް ހުޅުވާފައިވަނީ މިމަހު ކުރީކޮޅުއެވެ. އެސްޓޭޓުން ވަނީ ލޮކްޑައުން ހުޅުވާލިނަމަވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.