ސްޕެއިން

ކޮވިޑް 19 : ސްޕެއިންގައި ފަތުރުވެރިން ކަރަންޓީނު ކުރުން ޖުލައިން ފެށިގެން ހުއްޓާލަނީ

މިންހާ ފާއިޒް ރަޝާދު

ސްޕެއިނަށް ދާ ފަތުރުވެރިން ކަރަންޓީނު ކުރުން ޖުލައި އެކަކުން ފެށިގެން ހުއްޓާލަން ނިންމާފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން އެކަން އިއުލާނުކުރީ އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމަށްފަހުއެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު އަރަންޗާ ގޮންޒަލޭޒް ލާޔާވެސް ވަނީ ޖުލައިގައި ކަރަންޓީނު ކުރުން ހުއްޓާލާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަކި ތާރީހެއް އޭރަކު ބުނެފައެއް ނުވެއެވެ.

ސްޕެއިނަކީ އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އެ ގައުމުގެ ޖީޑީޕީގެ 12 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމް އެވެ. ކޮވިޑްގެ ސަބަބުން އިގްތިސާދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހޫނު މޫސުމުގެ ކުރިން ފަތުރުވެރިންނަށް ސްފެއިން ހުޅުވާލުން މުހިންމުވަނީ އެހެންވެއެވެ.

ސްޕެއިންގައި 14 ދުވަހުގެ ކަރަންޓީނު އުވާލަން ނިންމާފައިވާއިރު ޔޫކޭ ސަރުކާރުން ވަނީ ޖޫން އަށަކުން ފެށިގެން 14 ދުވަހުގެ ކަރަންޓީނު ޕޮލިސީއެއް އެކުލަވާލައިފައެވެ. އެގައުމަށް އެތެރެވާ ކޮންމެ މީހަކުވެސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ.

ޓްރެވަލް ކުންފުނިތަކާއި އެހެން ދާއިރަތަކުން ވަނީ ޔޫކޭގައި އެކުލަވާލާފައިވާ ކަރަންޓީނު ކުރުމުގެ ގަވައިދަށް ލުއި ދޭންޖެހޭ ކަމަށް ބުނެފަ އެވެ. ހާއްސަކޮށް ކޮވިޑް ފެތުރުން ލޯ ރިސްކު ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ފަސޭހަގޮތްތަކެއް އޮންނަން ޖެހޭކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.