އަލީ ޔާމިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިވެ އެންމެ ފަހުން ބައިބައިވެއްޖެ ކަމަށާއި، ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލިއްޖެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް ދެން އޮތީ ދެ ގޮތްކަމަށެވެ. އެއީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުން ނުވަތަ ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށް، ޕާލިމަންޓަރީ ނިޒާމަކަށް ދިއުންކަމަށެވެ.
"ދެން އޮތީ ދެ ގޮތް. މިޑް ޓާމް އިލެކްޝަންއަކަށް ދިއުން ނުވަތަ ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށް، ޕާލިމަންޓަރީ ނިޒާމަކަށް، ރެފެރެންޑަމްއަކަށް ދިއުން" އާދަމް ޝަރީފްގެ ޓްވީޓުގައިވެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަން ފެށުމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް އެޖެންޑާކޮށްފައެވެ.
މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގެ ތަޅުމުގައި މިއަދުން ފެށިގެން ޖަލްސާތައް ބާއްވަން ފެށުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މިއަދުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫން ގޮތަކަށް ކުރިއަށްގެންދަން ޖެހިލުންވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
65 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮންނަނީ އެމްޑީޕީ އަތުގައެވެ. މަޖިލީހުގައި ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައެވެ.