ކުއްލި ޚަބަރު

މާދަމާ ބާއްވަން ނިންމި މަޖިލިސް ޖަލްސާއަށް ދިއުމުގެ ހުއްދަ ފުލުހުން މަޖިލިސް މެންބަރުންނަށް ދޭން ފަށައިފި

2

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބާއްވަން މަޖިލިސް ރައީސް ނިންމެވި، މަޖިލިސް ޖަލްސާއަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން މަޖިލިސް މެންބަރުންނަށް ދޭން ފަށައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ބައެއް މެންބަރުންނަށް ފުލުހުން މިހާރު ވަނީ ހުއްދަ ދޫކޮށްފައެވެ. އެ ހުއްދައިގައި ބޭނުމަކަށް ލިޔެފައިވަނީ ޖަލްސާއަށް ވަޑައިގަތުމަށް ކަމަށް އެނގިފައި ވެއެވެ.

މަޖިލީހުގެ މެންބަރަކު ދާދި ދެންމެޔަކު "ވަން" އަށް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ޖަލްސާ ކުރިއަށްގެންދިއުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ލިޔުމުން އަދި ލިބުނުކަން ކަށަވަރުނުވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު ފުލުހުން އެދަނީ މެންބަރުންނަށް ހުއްދަ ދެމުން. ބައެއް މެންބަރުންނަށް ހުއްދައިގެ ލިޔުން ލިބިއްޖެ." ވަން އަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވިއެވެ.

މާދަމާ އިން ފެށިގެން މަޖިލިސް ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ފަށަން ނިންމުމާ ގުޅިިގެން މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން ކޮވިޑް 19އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައަކާ ނުލައި މަޖިލިސް ޖަލްސާތައް ތަޅުމުގައި ފެށުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މަޖިލިސް ޖަލްސާތައް ކުރިއަށްގެންދަން ހުރަސްއަޅާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ މަޖިލިސް ރައީސްގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވެއެވެ.

އެކަމާ ގުޅޭގޮތުން މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ.

މާލަމުގައި މަޖިލިސް ޖަލްސާތައް މާދަމާ ކުރިއަށްގެންދަން ފަށާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ.

މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ވޯޓުލުމުގައި ވެސް އަމަލު ކުރަމުންދާނީ އެގޮތަށް، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވެދެވަޑއިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މާލަމުން ނިކުމެ ވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟