ކުއްލި ޚަބަރު

ޖަލްސާ ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅުއެޅުމަކީ މަޖިލިސް ރައީސްގެ މައްޗަށް ލާޒިމުކަމެއް: އާޒިމް

އަލީ ޔާމިން

1

މަޖިލިސް ޖަލްސާ ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅުއެޅުމަކީ މަޖިލިސް ރައީސްގެ މައްޗަށް ލާޒިމުކަމެއް އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަން ފެށުމަށް މަޖިލީހުގެ އިދާރާއިން ނިންމުމާ ގުޅިގެން އެކަމާ އެމްޑީޕީގެ ބައެއް މެންބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އަންނަ މަހުގެ ތިނަކަށް މުއްދަތު ހަމަވާ ކައުންސިލަރުންގެ މުއްދަތު، ދެން ބޭއްވޭ ކައުންސިލް އިންތިހާބާ ހަމަޔަށް ދަންމާލުމަށް، ގާނޫނުއަަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެ ފަރާތަކާމެދު ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ލާޒިމު ކަަމެއް ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަހެއް ނޭޅޭނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގެ ތަޅުމުގައި މާދަމާއިން ފެށިގެން ޖަލްސާތައް ބާއްވަން ފެށުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫން ގޮތަކަށް ކުރިއަށްގެންދަން ޖެހިލުންވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

މާލަމުގައި މަޖިލިސް ޖަލްސާތައް މާދަމާ ކުރިއަށް ގެންދަންފަށާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ. އަދި މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި، އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މި އިންތިޒާމުތައް ތަންފީޒު ކުރައްވަމުން ގެންދަވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވާ ގޮތުގެމަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟