އަލީ ޔާމިން
ގާނޫނު އަސާސީ އިސްލާހުކުރަން ގާނޫނު މުގުރާލާފައި މަޖިލީހުގެ މެންބަރުން ދިއުން އެއީ ކޮންކަހަލަ ކަމެއްތޯ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.
ރޮޒޭނާ މިފަދައިން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަން ފެށުމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް އެޖެންޑާކޮށްފައެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އަންނަ މަހުގެ ތިނަކަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު، ދެން ބޭއްވޭ ކައުންސިލް އިންތިހާބާ ހަމަޔަށް ދަންމާލުމަށް، ގާނޫނުއަަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.
މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގެ ތަޅުމުގައި މާދަމާއިން ފެށިގެން ޖަލްސާތައް ބާއްވަން ފެށުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫން ގޮތަކަށް ކުރިއަށްގެންދަން ޖެހިލުންވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެވާހަކަތަކާ ގުޅިގެން ރޮޒޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނު އަސާސީ އިސްލާހުކުރަން ގާނޫނު މުގުރާލާފައި މަޖިލީހުގެ މެންބަރުން ދިއުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ.
"ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި ލޮކްޑައުންގެ އުސޫލުތަކާ ހިލާފަށް ގާނޫނު އަސާސީ އިސްލާހުކުރަން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ގާނޫނު ހަދާ މަޖިލީހަށް ގާނޫނީ އަމުރަކާ ހިލާފަށް ދިއުން އެއީ ކޮންކަހަލަ ކަމެއްތޯ؟" ރޮޒޭނާގެ ޓުވީޓުގައިވެއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.
މާލަމުގައި މަޖިލިސް ޖަލްސާތައް މާދަމާ ކުރިއަށް ގެންދަންފަށާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ.
މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި، އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ވޯޓު ލުމުގައިވެސް އަމަލު ކުރަމުންދާނީ އެގޮތަށް، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވެދެވަޑއިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މާލަމުން ނިކުމެ ވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.
އިދާރީ ގޮތުން ބޭނުން ކުރާނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި، މެންބަރުންނާއި މުވައްޒަފުން ތިބޭނީ މާސްކު އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.
މި އިންތިޒާމުތައް ތަންފީޒު ކުރައްވަމުން ގެންދަވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވާ ގޮތުގެމަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.