އަލީ ޔާމިން
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލިސް ޖަލްސާވެސް ބޭއްވޭނީ ހުއްދަ ނަގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
މެންބަރު އިބްރާހިމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަން ފެށުމަށް މަޖިލީހުގެ އިދާރާއިން ނިންމުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް އެޖެންޑާކޮށްފައެވެ.
މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ.
މެންބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލިސް މެންބަރުންވެސް ގާނޫނަށް ބޯލަނބަން ޖެހޭނެ ކަމަށާއި އެގޮތުން މަޖިލީހުގެ ޖަލްސާއަކަށް ދިޔަޔަސް ދާންވާނީ ބޭރަށް ނުކުތުމުގެ ފާސް ހޯދައިގެން ކަމަށެވެ.
"ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮތިއްޔާ، އާންމު ރައްޔިތުންނެކޭ އެއްގޮތަށް މަޖިިލިސް މެންބަރުންވެސް ގާނޫނަށް ބޯލަނބަން ޖެހޭނެ. ބޭރަށް ނުކުތުމުގެ ފާސް ހޯދައިގެން މަޖިލިސް ޖަލްސާއަކަށްވިޔަސް ދާންވާނީ. ގާނޫނު ހަދާ މީހުން އެއަށް ބޯނުލަނބާނަމަ ރައްޔިތުންނަށް އެދެއްކެނީ ނުބައި މިސާލެއް،" ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ޖަލްސާތައް ފަށާއިރު، މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެއެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ.