ދުނިޔެ

ތުރުކީގައި ރޭލެއް އެކްސިޑެންޓްވެ ނުވަ މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ތުރުކީގައި ރޭލެއް އެކްސިޑެންޓްވެ ނުވަ މީހުން މަރުވެއްޖެއެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ހިނގި މި އެކްސިޑެންޓްގައި ނުވަ މީހުން މަރުވިއިރު 46 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް އަންކާރާގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އެގައުމުގެ މީޑިއާތަކުން މައުލޫމާތުދޭގޮތުން ރޭލު އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ރޭލު ކޮންޓްރޯލް ނެއްޓިގެން މެއިންޓެނެންސް ވެހިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ބްރިޖުގެ ބައެއްވެސް ވެއްޓިފައިވާކަމަށް މީޑިއާތަކުން މައުލޫމާތު ދެއެވެ.

ތުރުކީގެ ހެލްތު މިނިސްޓަރު ވިދާޅުވެފައިވަނީ އެ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތުރުކީގެ ރައީސް ވަނީ އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެކްސިޑެންޓް ހިނގުމުގައި އިހުމާލުވެފައިވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ތުރުކީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ވެރިރަށް އަންކާރާއިން ކޮންޔާ އަށް ދަތުރުކުރި މިރޭލުގައި 206 މީހުން ދަތުރުކުރި އިރު މި އެކްސިޑެންޓްގައި މަރުވެފައިވަނީ ރޭލު ކޮންޑަކްޓަރުންގެ ތިން މީހުންނާއި ފަސިންޖަރުންގެ ތެރެއިން ތިން މީހުންނެވެ.